އިއްޔެ މުޅި ސޯޝަލް މީޑިއާގައި އެންމެ ގަދަޔަށް ދައުރުވި އެއް ފޮޓޯއަކީ މަހަށް ނުކުމެ އުޅުނު ބަޔަކަށް ބޭނުނު މަހެއްގައި މާތް ﷲ ގެ އިސްމަފުޅު ލިޔެވިފައި އޮތްވާ ނަގާފައިވާ ފޮޓޯއެވެ. މިއާއެކު އެއްބަޔަކު މިއީ ﷲގެ ކުޅަދުންވަންތަކަމުގެ ހެއްކެއް ކަމުގައި ބުނަމުން ދިޔައިރު އަނެއް ބަޔަކު ބުނަމުންދަނީ މި މަސް ބޭނުނު މީހުން އަމިއްލަޔަށް މިމަހުގެ ﷲގެ އިސްމަފުޅު ލިޔުނީ ކަމަށެވެ.

ކޮންމެ އަކަސް ގިނަ ބަޔަކު މިކަމާ ސުވާލު އުފައްދާތީ ވަގުތު ނޫހުން މި މަސްބޭނުނު އިރު އެންމެ ގާތުގައި ހުރި ނ. މަނަދޫ، ނޫރީގޭ ހުސައިން ޝިޔާމަށް ގުޅާލީމެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ޝިޔާމް ބުނީ މި މަސް ބޭނުނީ އިއްޔެ ފަތިސް ނަމާދު ކޮށްލައިގެން އިތުރު ދެ ރަހުމަތްތެރިންނާއެކު މަހަށް ނިކުމެ އުޅެނިކޮށް ކަމަށެވެ. ނަމަވެސް އެ މަސް ބޭނުނު އިރު މަހުގައި ﷲގެ އިސްމަފުޅު ލިޔެވިފައި އިންކަމެއް ނޭނގޭ ކަމަށާއި މަހުގައި ﷲގެ އިސްމަފުޅު ލިޔެވިފައިވާކަން އެނގުނީ އެނބުރި ރަށަށް އައިސް މަސްތައް ސާފުކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ޝިޔާމް ވަނީ މި މަހުގައި އަމިއްލަޔަށް ﷲގެ އިސްމަފުޅު ލިޔެފައިވާކަމަށް ބުނާ މީހުންނަށް ވަރަށް ވަރުގަދަ ރައްދެއް ދީފަ އެެވެ.

"މި މަހުގަ އަޅުގަނޑު އަމިއްލަޔަށް ﷲގެ އިސްމަފުޅު ލިޔަންވީ އެއްވެސް ސަބަބެއް ނެތް. ހަގީގަތުގަ އެ ސުވާލު އުފައްދާކަށްވެސް ނުޖެހޭނެ ﷲގެ ކުޅަދުންވަންތަކަން ހިތުގެ އަޑިން ޤަބޫލުކުރާ ބަޔަކު. އެންމެ ރަނގަޅު މި މަހުގެ ފޮޓޯތަކާއި ހުރިހާ އެއްޗަކަށް ބަލާފައި ތި ސުވާލު އުފައްދާ މީހަކު އަމިއްލަޔަށް މަހެއް ބާނައިގެން ނޫނީ މަސް މާރުކޭޓުގަވެސް ހުންނާނެ މިކަހަލަ ބައިވަރު މަސްތަށް. އޭގެއިން މަހެއްގަ އަމިއްލައަށް އެއްޗެއް ލިޔުނީމަ ހުންނަނީ މިހެންތޯ ބަލާބަ." ޝިޔާމް ބުންޏެވެ.

ޝިޔާމް ބުނީ ބައެއް މީހުން މިއީ ތިމަންނާ މަޝްހޫރުވާންވެގެންކުރި ކަމެއް ކަމަށްވެސް ބުނަމުންދާ ކަމަށެވެ. ނަމަވެސް މިއީ އަލަށް ބޭނި މަހެއް ނޫން ކަމަށާއި އެތަކެއް މަހެއް މީގެ ކުރިންވެސް ބާނާފައިވާނޭ ކަމަށާއި މިމަހުގައި އެކަނި މިހެން ލިޔަންވީ ސަބަބެއް ނެތް ކަމަށެވެ.

އޭނާ ބުނީ މި މަސް ބޭނުނީ އެކުގައި ދިޔަ އެހެން ރަހުމަތްތެރިއަކަށް ކަމަށެވެ. މަސްބޭނިގޮތަށް ވަތަށް އަޅާފައި އެހެން މަސްތަށްވެސް އިތުރަށް ބޭނި ކަމަށެވެ. އެހެން ކަމުން މާތް ﷲގެ އިސްމަފުޅު އެންމެ މަހެއްގައި ލިޔަންވީ ކީއްކުރަންތޯވެސް އޭނާވަނީ ސުވާޅު ކޮށްފަ އެވެ.

މިއީ ﷲގެ ކުޅަދުންވަންތަ ކަމުގެ ހެއްކެއް ކަމަށާއި މި ކަމާ ސުވާލު އުފައްދާ މީހުން އަމިއްލަ ނަފްސާ ދޭތެރޭ ވިސްނާލުމުންވެސް އެކަލާނގެ ކުޅަދުންވަންތަކަން ފެނިގެންދާޏެ ކަމަށްވެސް އޭނާ ބުންޏެވެ.

ޝިޔާމް އާޢި އޭނާގެ ދެ އެކުވެރިންނަށް ބޭނުނު މި މަހުގައި އާދަޔާ ޚިލާފް އެހެން ކަމެއްވެސް ފާހަގަވި ކަމަށާއި އެއީ އިސްމަފުޅު ލިޔެވިފަ އިން ފަޅި ނޫން އަނެއް ފަޅި އިނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

އެމަހަށް ހެދީ ކިހިނެއްތޯ އަހާލުމުން ޝިޔާމް ބުނީ އެމަސް ފްރިޖަށް ލާފައިވާ ކަމަށާއި ފްރިޖަށް ލީފަހުން މާތް ﷲގެ އިސްމަފުޅު ލިޔެވިފަ އިންތަން މަޑު މަޑުން ފޮހެމުންގޮސް މިހާރު ފިލާފައިވާ ކަމަށެވެ.

ޝިޔާމް އިތުރަށް ބުނީ މި މަހަށް ހަދަންވީގޮތެއް އަދި ނުނިންމާ ކަމަށާއި ނަމަވެސް ދީނީ ޢިލްމުވެރިއެއްގެ ލަފާ ހޯދުމަށް ނިންމާފައިވާ ކަމަށެވެ. ލަފައެއް ނުހޯދާ މި މަސް ކާން ނުކެރޭނެ ކަމަށާއި އަދި އަމުދުން އެއްލާލާކަށް ނުކެރޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

އާންމުކޮށް ރާއްޖޭގައި މިފަދަ ކަންކަމަކީ ވެފައިވާ ކަންތައްތަކެއް ނޫން ނަމަވެސް މިފަދަ ގޮތެއްވުމަކީ އެކަށީގެންވާ ކަމެކވެ. މިއީ މާތް ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތައް އިންސާނުންނަށް ދެއްކެވުމަށް ފެންނަ ކަންކަން ކަމުގައި ދީނީ ޢިލްމުވެރިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަނގަބެ

    ހިލަގަނޑަކުން ސާލިޙްގެފާނުންގެ ޖަމަލު ނެރުއްވި ކަލާންގެ ހުސްތޯހިރު ވަންތަ ކަމާއެވެ މުސްލިމުންގެ ގޮތުގައި ތިބެ ތިފަދަ ކަންތަކަަާ ޖަދަލު ނުކުރަަަަާށެވެ އެއީ ޔޫނުސްގެފާނު ބޮޑު މަހުގެ ބަޑުން ސަލާމަތް ކުރެއްވި ގަދަކީރިތިވަންތަ އިލަާހެވެ .ގަސްތަކާ މަސްތަކާ ފަރުބަދަތައް އަދި ދޫނި ސޫފަާސޫފި ﷲއަށް ތަސްބީހަ ދަންނަވައެވެ

    154
    3
    • އިބްރާހީމު

      ހިލަގަނޑެއް ނޫން. ފަރުބަދަޔަކުން. އެ ޖަމަލަށް ކިޔަނީ ނާޤަތުﷲ (ﷲގެ ޖަމަލު)

  2. ޢަމާ

    ތިޔަ މަހުގައި ﷲ ގެ އިސްމުފުޅެއް ލިޔެވިފައި އޮތުމުގެ އަސްލު (އިންސާނަކު ލިޔުމުންތޯ ނުވަތަ އުފެދުމުގަތޯ) އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ﷲއެވެ. ތިކަމާއި އިތުރަށް ބަހުސް ކުރުމުގެ ބޭނުމެއްނެތެވެ. އެހެނީ ކީރިތި ޤުރުއާނަން ވުރެ ވަކިން ބޮޑު މުޢުޖިޒާތެއް ފަހެކޮބައިހެއްޔެވެ؟ ޤުރުއާން އެކަނިވެސް މިއަށްވުރެ އާޝޯހުކަންގެނަސް ދެއްވަތެވެ.

    36
    2
  3. ޢަބްދުއްލާ

    މަހުގައި އަމިއްލަޔަށް ﷲގެ އިސްމަފުޅު ލިޔަންވީ ސަބަބެއް ނެތް: ޝިޔާމް

    3 ގަޑިއިރު ކުރިން ( އޮކްޓޯބަރ 20, 2019 )

    ލާދީނީ މީހުނަށް ތިކަމެއް ހަޖަމެއް ނުކުރެވޭނެ.

    ފަސް އިނގިން ﷲ އިސްމުލްޖަލާލާ ސިފަވޭތޯ އެހިޔަސް ބުނާނެ މީހުންވިހާތަނަށް ވަންނަކަމަށް އަމިއްލަޔަށް ބުނި ފޫޅުމާނަޝީދު އެވެސް ގެ އަތުފަރުވާޔޭ.

    25
    3
  4. މަކިނބޫ

    ތިކަންކަން ހަޖަމް ނުކުރެވޭ މީހުންނަށް އޮތް ވަރުގަދަ މެސެޖެއް ތީ. ހަގީގަތުގަވެސް ވިސްނާ ލަން ޖެހޭ ވަރުގެ ކަމެއް ޖަދަ ލު ކުރުމުގެ ކުރީން. ހާއްސަ ކޮށް އެމްޑީއެން ރިޕޯޓް އެކޮޅުކޮޅުން އަނގައަށް ލައިގެން ދީނަށް ހަޖޫ ޖަހާ މީހުން.