ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި 19 ގައުމަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާކަމަށް ކަސްޓަމްސް އިންހާމަކޮށްފިއެވެ.

ކަސްޓަމުން ވަނީ 2013 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމަޔަށް ވައިގެ މަގުން އަދި ކަނޑުން މަސްތުވާތަކެތި އެތެރެކޮށްފައިވާ 19 މަންޒިލެއްގެ މެޕު އާންމުކޮށްފައެވެ. މެޕުން ދައްކާ ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެންމެ ގިނައިން އެތެރެކުރަނީ ރާއްޖެ ހިމެނޭ އޭޝިއާ ބައްރުގެ ގައުމުތަކުންނެވެ. އެގޮތުން އޭޝިއާގެ 10 ގައުމަކުން ރާއްޖެއަށް ޑްރަގް އެތެރެކޮށްފައިވާއިރު އެ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޕާކިސްތާނު، ގަތަރު، ޔޫއެއީ، ކަޒަކިސްތާނު، އުޒްބަކިސްތާނު، އަދި ސްރީލަންކާ ހިމެނެއެވެ.

ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރެވޭ ބާވަތްތަކުގެ މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިން، ކެނަބިސް ހިމެނެއެވެ. ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އެެންމެ ގިނައިން މަސްތުވާތަކެތި އެތެރެ ކޮށްފައި ވަނީ އިންޑިއާގެ ސީޕޯޓް ސިޓީ ތަކުންނެވެ. އޭގެތެރެއިންވެސް ކޮޗިން، ކެރެލާ، އަދި ޓްރިވެންޑްރަމް ފާހަގަކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖެ އަށް ދެން އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރި ކަމަށް ޗާޓުން ދައްކަނީ ޔޫރަޕުންނެވެ. ޔޫރަޕްގެ ފަސް ގައުމަކުން ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފަ އެވެ. އެއީ އިނގިރޭސި ވިލާތް، ބެލްޖިއަމް، ސްޕެއިން، ނެދަލޭންޑްސް އަދި ޖަރުމަނެވެ.

އެފްރިކާގެ ގައުމުތަކުގެ ތެރެއިން އިތިއޯޕިއާ، ޓޯގޯ އަދި ބެނިން އިން ވެސް ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފަ އެވެ. ދުރުވެގެން އެންމެ ދުރުން ދެކުނު އެެމެރިކާގެ ގައުމުތައް ކަމަށްވާ ބްރެޒިލް އާއި ޓްރިޑާޑް އެންޑް ޓޮބޭގޯއިން ވެސް ރާއްޖެ އަށް ޑްރަގް އެތެރެކޮށްފައި ވެ އެވެ.

މިއަހަރުގެ ތެރޭގައި ފުލުހުން ވަނީ މަސްތުވާ ތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު އެތައް ބޯޓެއް އަތުލައިގަނެފައެވެ. އަދި އިންޑިއާގެ އަވަށެއް ކަމަށްވާ ކެރެލާއިން ވަނީ 21 ކިލޯގެ ކެނަބިސް އަތުލައިގެންފައި ކަމަށާއި އެއީ ރާއްޖެއަށް އެތެރެ ކުރުމަށް މަސައްކަތް ކުރި ތަކެތި ކަމަށް އެގައުމުގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މީގެ އިތުރުންވެސް މަސްތުވާ ތަކެއްޗާއެކު އެތައް ފަހަރެއްގެ މަތިން އެއާޕޯޓުންވެސް މީހުން ވަނީ އަތުލައިގެންފައެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ހިމެނެއެވެ.