ބިދޭސީން އުޅޭ ގެއަކުން ވައްކަން ކުރި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކުރީ މާފަންނުގައި ބިދޭސީން ދިރިއުޅޭ ގެއަކުން ދެ ފޯނު ވަގަށް ނެގި މައްސަލައެއްގައި ކަމަށެވެ.

މިފަދަ މައްސަލައެއް މިއަދު ހިނގާފައިވާއިރު މަގުމަތިން ބިދޭސީއަކު ފޭރެން އުޅުނު މީހަކު އިއްޔެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފަހަކަށް އައިސް ބިދޭސީންނާ މެދު މިފަދަ އަމަލުތައް ހިނގާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި އެފަދަ ގިނަ މައްސަލަތަކެއް ފުލުހުންނަށްވެސް ވަނީ ހުށަހެޅިފައެވެ.