ސަރުކާރުން ދޭ ބޭރުގެ ޔުނިވާސިޓީތަކުގެ ސްކޮލާޝިޕް ފުރުސަތުތަކަކީ ފުލް ފަންޑިން ސްކޮލާޝިޕް ތަކަށް ހަދަން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކާމެދު އެއްބަސްވެ ކޯޕަރޭޓް ސްކޮލާޝިޕް ސްކީމްގެ ނަމުގައި ސްކީމެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ތައާރަފު ކޮށްފި އެވެ.

މި ސްކީމްގެ މައިގަނޑު ބޭނުމަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ބޭރުގެ ޔުނިވާސިޓީތަކާ ދެމެދު އޮތް ސްކޮލާޝިޕްގެ ފުރުސަތުތައް ކުންފުނިތަކާ ގުޅިގެން ކުންފުނިތަކުން ބާކީ ބައި ފަންޑް ކުރާ ގޮތަށް އެ ސްކޮލާޝިޕްތައް ފުލް ފަންޑިން ސްކޮލާޝިޕްތަކަށް ހަދައި ވީހާ ވެސް ގިނަ ދަރިވަރުންނަށް މަތީ ތައުލީމަށް ކިޔެވޭނެ ފުރުސަތުތައް ފަހިކޮށް ދިނުމެވެ.

ސްލާމީ މަރުކަޒުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނިތަކާއެކުވި އެއްބަސްވުން ހަވާލު ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. އެ ގޮތުން ސަރުކާރު ހިއްސާވާ ހަތް ކުންފުންޏަކާއި އަމިއްލަ ހަތަރު ކުންފުންޏަކާ އެކު ސޮއިކޮށްފައިވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އެޗްޑީސީ އާއި ދިރާގާއި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީ އާއި އެސްޓީއޯ އާއި އަދި އެމްއޭސީއެލެވެ. އަމިއްލަ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއި ކުރީ ޓްރީ ޓޮޕް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލާއި ކަރައުން އެންޑް ޗަންޕާ ރިސޯޓްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އިސްނަގައިގެން ތަޢާރަފުކުރި މި ސްކީމަކީ ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނާއި އަދި ކުންފުނިތަކުގެ ވަޒީފާތަކަށް ދާން ބޭނުންވާ ފަރާތްތަކަށް އެކިއެކި ދާއިރާތަކުން މަތީތަޢުލީމު ހާޞިލުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ލިބިދޭ ސްކީމެކެވެ. މި ސްކީމުގެ ދަށުން ކުންފުނިތަކަށް ބޭނުންވާ އެކިއެކި ދާއިރާތަކުން މަތީތަޢުލީމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިކޮށް ރާއްޖެއާ ރާއްޖެއިން ބޭރުން ފަހިކޮށްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    ކޮންމެ އިލްމެއް ހޯދިނަމަވެސް އެ އިލްމަކާއި އެއްވަރަށް ކީރިތި ޤުރްއާނާއި ޙަދީޘް ޢިލްމު ނުކިޔަވާނަމަ އެމީހެއްގެ ހިތް ފަސާދަވުން ގާތެވެ. ދަރިންނަށް މަތީ ތައުލީމް ދެއްވުމަށް އިސްލާމިކް އުނިވަރސިޓީއެއް ޚިޔާރުކުރައްވާ.