ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އަތުން މޮޅުވެ ކްލަބް އީގަލްސް އިން ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެ ޕޮއިންޓަށް ކައިރިކޮށްފި އެވެ.

ޕްރިމިއާ ލީގުގައި ރޭ މިދެޓީމު ބައްދަލުކުރި މެޗު އީގަލްސް ކާމިޔާބުކޮށްފައިވަނީ 4-2ގެ ނަތީޖާއަކުންނެވެ. މެެޗުގައި އީގަލްސްގެ ފޯވަޑް އަހުމަދު ރިޒުވާން (ރިޒޭ) ވަނީ ހެޓްރިކް ހަދާފަ އެވެ. އީގަލްސް އިން މެޗުގައި ޖެހި ހަތަރު ލަނޑު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ.

އީގަލްސްގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ފުރަތަމަ ގޯލް ޖަހައިދިނީ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އެވެ. އޭގެ ފަހުން ރިޒޭ ތިން ލަނޑު ޖަހައި ހެޓްރިކް ހެދީ އެވެ. ރިޒޭގެ ފުރަތަމަ ލަނޑު ފަސް ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ 15 ވަނަ މިނެޓުގަ އެވެ. އޭނާ ތިން ވަނަ ލަނޑު 27 ވަނަ މިނެޓުގައި ޖެހިއިރު، އޭގެ ފަހުން އީގަލްސް އަށް ލިބުނު ޕެނަލްޓީއެއްގައި ފޯވަޑް އަލީ ފާސިރު (ސެންޓޭ) ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ދެ ވަނަ ހާފުގައި ދަ ގްރާންޑޭގެ ފުރަތަމަ ލަނޑު 60 ވަނަ މިނެޓުގައި އަހުމަދު ނިޒާމް ކާމިޔާބުކުރިއިރު ދެ ވަނަ ލަނޑު 81 ވަނަ މިނެޓުގައި ޖެހީ ޔަސްފާދު ހަބީބް (މުލަކޭ) އެވެ.

މިވަގުތު ލީގު ތާވަލު އޮތްގޮތުން މާޒިޔާ 10 މެޗުން 23 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު އީގަލްސް ދެ ވަނައިގައި އޮތީ 11 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު މާދަމާ ހަވީރު ފ. ނިލަންދޫއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން މާޒިޔާ އަށް އަލުން ފަސް ޕޮއިންޓަށް ލީޑު ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަންނަމާރި

    މިފަހަރުގެ ލީގުގަ އެންމެ ސަޅި ޓީމް އީގަލްސް . ޕާސްޖެހުން ވަރަށް ހަބޭސް....