ޖަޕާނަށް ދަތުރުކުރާ ދިވެހިންގެ ވިސާގެ ކަންކަން ފަސޭހަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޖަޕާނުގެ ބޮޑުވަޒީރު، ޝިންޒޯ އާބޭ އާއި ދެމެދު މަޝްވަރާ ކުރެވިއްޖެއެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީހުގައި މިއަދު ކުރިޔަށް ދިޔަ ރަސްމީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޖަޕާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކުރުމާއި ގުޅޭގޮތުންނާއި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުން ބޮޑުވަޒީރާ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ދެ ލީޑަރުންގެ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ޒަމާންވީ ބަދަހިގުޅުމާއި މި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

މި ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެކެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ވޭތުވެދިޔަ ދިގު މާޒީގައި ޖަޕާނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޖަޕާނު ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ޖަޕާނުން ރާއްޖެއާ މެދު ގެންގުޅުއްވާ ރަހުމަތްތެރި ގުޅުން ފާހަގަކުރައްވާ އެގުޅުން އެގޮތުގައި ކުރިމަގުގައި ވެސް ދެމި އޮންނާނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖޭގެ އުމުރާނީ ތަރައްޤީއާއި މާލީ ދާއިރާ އަދި ސަލާމަތީ ދާއިރާފަދަ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން ކުރިމަގުގައި ވެސް ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ. އަދި ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ޤައުމުތަކުގެ ތެރެއިން، ޖަޕާނަށް ވަރަށް މުހިންމު ބައިވެރިއެއްކަން ބޮޑު ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވިސާގެ ކަންކަން ފަސޭހަކޮށްދިނުމުގައި ވެސް މަސައްކަތް ކޮށްދެއްވާނެކަމުގައި ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.

ޖަޕާނުގެ ބޮޑުވަޒީރާއި ކުރެއްވި ބައްދަލުވުމުގައި ދެގައުމުން އިސްކަންދޭ ބައިނަލްއަޤްވާމީ އެކި މައްސަލަތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.