ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އަދި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަނު ކުރުމާމެދު ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު ޖޭއެސްސީއިން ރައީސްއަށް "ހައިލީ ރިކޮމެންޑް" ކޮށްފައިވަނީ ފާތިމަތު ދިޔާނާ ސައީދާއި، މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ފެންނަ ކަމަށެވެ. މަހާޒް އާއި ދިޔާނާގެ ނަން، ރައީސް ސޯލިހް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

އެ ދެ ބޭފުޅުންގެ ނަން ފޮނުވާ، ރައީސް ސޯލިހް މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައީސް ޞާލިހްއަށް ފޮނުވާފައިވާ ނަންފުޅުތަކުގެ ތެރެއިން ގދ. މަޑަވެލި މޭނާ، މަހާޒް އަލީ ޒާހިރު އާއި ސ. ހުޅުދޫ ގޯރަން ވިލާ ފާތިމަތު ދިއާނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް ޞާލިހް އަށް ފެންނަ ކަމަށެވެ. އަދި އެ ދެބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ހުށަހަޅުވައި ދެއްވާ މަޖިލީހުން ނިންމެވި ގޮތް އެންގެވުން އެދޭކަމަށްވެސް ރައީސް ސޯލިހުގެ ސިޓީފުޅުގައި ވެއެވެ.

މިހާރު ހައި ކޯޓުގައި މަސައްކަތްކުރައްވާ ތިން ފަނޑިޔާރުން ކަމުގައިވާ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާ ވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލާފައެވެ. ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ.