އައްޑު އަތޮޅު ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި، އައްޑޫ ފްލައިންގް ސްކޫލް ހިންގުމަށް ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅައިފި އެވެ.

ޕައިލަޓުން ތަމްރީނުކުރުމަށް ރާއްޖޭގައި ހުރި ހަމަ އެކަނި ފްލައިންގް ސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ބުނެފައިވަނީ މި ފްލައިންގް ސްކޫލް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުގެ އެކްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ މުއްދަތު މިދިޔަ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހާއި ހަމަޔަށް ހަމަވެފައިވާ ކަމަށެވެ. އަދި މިކަމަށް ޝައުގުވެރިކަން އަށް ފަރާތަކުން ހުށަހެޅި ނަމަވެސް މިކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ތިން ފަރާތަކުންނެވެ.

އެގޮތުން މިހާރުވެސް ފްލައިންގް ސްކޫލްތައް ހިންގަމުން އަންނަ ސްރީ ލަންކާގެ ކުންފުންޏަކާއި އިނގިރޭސިވިލާތުގެ ކުންފުންޏަކުން އެކަމަށް ޝައުގުވެރިކަންފާޅުކޮށްފައިވާ ކަމަށްވެސް އޭއައިއޭ އިން ވަނީ ބުނެފަ އެވެ.

ފްލައިންގް ސްކޫލް ހިންގުމަށް ކުރަންޖެހޭ ކަންތައްތަކުގެ ތަފްސީލު މިމަހުގެ ތެރޭގައި ހާމަކުރަން ނިންމާފައިވާއިރު މި ކަންކުރާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައިވަނީ މިހާރު އެ ފްލައިން ސްކޫލް ހިންގަމުން އަންނަ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޯޓިކްސް އިން އެތަން ބަންދު ކުރުމަށް ނިންމުމާ ގުޅިގެންނެވެ.

2010 ވަނަ އަހަރުން ފެށިގެން މި ސްކޫލް ހިންގަމުން އަންނަ ފަރާތުން މިތަން އަންނަ އަހަރު ޖުލައި މަހު ބަންދު ކުރުމަށް ނިންމާ މި ސްކޫލް ނ. މާފަަރަށް ބަދަލު ކުރުމަށް ނިންމާފައިވަނީ މިތަން ހިންގުމަށް ދީފައިވާ ބިމުގެ ކުލީގެ ގޮތުގައި ނަގަމުންދާ އަދަދު ބޮޑުވުމާއި ގުޅިގެންގެންނެވެ.

އައްޑޫ ފްލައިން ސްކޫލުގައި ރާއްޖެއާ ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް ދަނީ ކިޔަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު