2011 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ކޮންމެ އަހަރަކު ދިރާގުން އިންތިޒާމް ކޮށްގެން ބޭއްވާ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ މި އަހަރުގެ ހަރަކާތްތައް މި މިހަފްތާފެ ބުދަ ދުވަހު ގަލޮޅު ދަނޑުގައި ބާއްވާން ނިންމާފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުގެ ސީއެސްއާރު މެނޭޖަރ އާއިޝަތު ބިޝާރާ ވިދާޅުވީ މި އަހަރުގެ ފެސްޓިވަލަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެގޮތުން މިހާތަނަށް ހަތަރު ޖަމިއްޔާ އަކުންނާއި 14 ސްކޫލަކުން ފެސްޓިވަލުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި މިއަހަރުގެ ފެސްޓިވަލުގައި 400 އަށްވުރެ ގިނަ ކުދިން ބައިވެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ މި ހަރަކާތް ބޭއްވިފައި ވާއިރު ބައިވެރިވެފައި ވަނީ ގާތްގަޑަކަށް އެންމެ 17 ކުދިން. އެހެން ނަމަވެސް މި ފެސްޓިވަލްއަށް ލިބިގެންދާ ތަރުހީބު އަހަރަކަށް ވުރެ އަހަރެއް އިތުރު ވަމުން ދާކަން ފާހަގަ ކުރެވޭ" ބިޝާރާ ވިދާޅުވިއެވެ.

މިއީ "ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" ބޭއްވޭ 9 ވަނަ އަހަރު ކަމުގައި ވާއިރު މި ފެސްޓިވަލްގެ ތެރެއިން ގިނަ ކުދިން ތަކެއް ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކެޓަގަރީއިން އޮލިންޕިކް ގޭމްތަކުގައާއި ބައިންލް އަގްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް ފަޚުރުވެރި ވަނަތައް ހާސިލްކޮށްފައެވެ. މިއީ ދިރާގަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމުގައި ފާހަގަ ކުރަމުން ބިޝާރާ ވިދާޅުވީ ފެސްޓިވަލުގެ ތެރެއިން ސްޕެޝަލް އޮލިމްޕިކްސްގައި ހިމެނޭ ގިނަ ކުޅިވަރުތަކެއް ކޮންމެ އަހަރަކު ތައާރަފްކުރެވޭތޯ އަބަދުވެސް އިސްކަމެއް ދޭކަމަށެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް ސީނިއަރ އެސޯސިއޭޓް ޖައްޔިދާ ބަދްރީ ވިދާޅުވީ މި ފެސްޓިވަލުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް މެޑަލެއް ލިބިގެންދާނެކަމަށާއި، އިވެންތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހެންވޭރު ދަނޑުގައިކަމަށެވެ.