އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދިޔަ ސްޓޭޓް މިނިސްޓަރެއްގެ މައްސަލައަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު މަސައްކަތް ކޮށްފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޝިއުނާ ވިދާޅުވީ އޭސީސީ އިން މައްސަލއެއް ބަަލަމުން ދަނިކޮށް ޝިއުނާ އަށް ގުޅުއްވައި ވަކި ގޮތަކަށް މައްސަލަ ނިންމުމަށް ބުނާ ފާޑަށް ރުޅި ގަދަކޮށް ސިޔާސީ މަގާމެއްގައި ހުރި ބޭފުޅަކު މަސައްކަތް ކޮށްފައި ވާކަމަށެވެ. އަދި އެ މީހަކީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ކަން ވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

އެ މައްސަލަ މަޖިލީހުގެ ކޮމެޓީގައި ހާމަކުރުމާ ގުޅިގެން އެ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ސަމީރު ނުފޫޒު ފޯރުވަން މަސައްކަތް ކުރީ ކޮން މައްސަލައަކަށްތޯ ޝިއުނާއާ ސުވާލުކުރުމުން ވިދާޅުވީ އެއީ އޭސީސީ އިން ބަލަމުންދިޔަ ސްޓޭޓް މިނިސްޓަރެއްގެ މައްސަަލައެއް ކަމަށެވެ.

އޭސީސީގެ ރައީސާކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި، ޝިއުނާ ވަނީ އޭސީސީ އަށް ދެން އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ފަރާތަކުން އޭސީސީގެ އެއްވެސް މެންބަރަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފިނަަމަ އެކަން ފަޅާއަރުވައިލާނެ ކަމަށް އޭނާ ވަނީ އެފަހަރު ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޤާސިމް

    އަދިވެސް އުޅޭ ފުއްޕާފަ.

  2. ދިއްގާ

    މިވަރުގެ މަމޮޅޭއެއް ނުހުންނާނެ. މި އޮފީސްވެސް ކުޑަކޮށްފި! މީނާގެ ތުރާ ބޮޑުވެއްޖެ! އެންމެފަހުން ތުރާ އޮފީހުނަ ބޭރަށް!