'ރޯލް އޮފް މޮޑެރޭޝަން އިން ކައުންޓަރ ޓެރަރިޒަމް" ގެ ނަމުގައި ރާއްޖެގައި ބައިނަލަގުވާމީ ސެމިނާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

މިކަމާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒިޔާދު ވިދާޅުވީ މި ސެމިނާ އަކީ އިސްލާމް ދީނުގެ ސައްޙަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމާއި އިސްލާމް ދީންގެ ބައެއް އުސޫލްތަކާއި އިސްލާމްދީންގެ ކަންކަން އޮންނަ ގޮތާ ހިލާފަށް ބައެއްފަރާތްތަކުން ދައްކާ ވާހަކަ ތަކާއި މީސް މީޑިޔާގައި ފަތުރާ ވާހަކަތަކާއި ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަށް ނެތިދާފަދަ ގޮތްގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުންދާ ވާހަކަތަކާމެދު މަޝްވަރާކުރުމަށް ބާއްވާ ސެމިނާއެއް ކަމަށެވެ.

'ރޯލް އޮފް މޮޑެރޭޝަން އިން ކައުންޓަރ ޓެރަރިޒަމް" ގެ ނަމުގައި ބާއްވާ ސެމިނާއާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު ފޮޓޯ: މުޙައްމަދު ޖިމީ

މި ސެމިނާގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިތުރުން އެންމެ އިސްދައުރެއް އަދާކުރާނީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް އާއި މޯލްޑިވްސް ޕޮލިސް ސާރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ޖޯޑަންގެ އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމްއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ކުރިއަށް މިގެންދާ ފޯރަމްގެ ކަންތައްތަށް ރައްޔިތުންނާއި ހިއްސާ ކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއި ދައުލަތުގެ މީޑިޔާ ޕީއެސްއެމް އާއިއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ޕީއެސްއެމް އިން އިސްލާމިކް މިނިސްޓްރީ އާއިއެކު ދިވެހި ރައްޔިތުންނަށް ދީނުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވެދެއްވާ އެހީއަށް އިސްލާމިކް މިނިސްޓަރ ވަނީ ޕީއެސްއެމްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

'ރޯލް އޮފް މޮޑެރޭޝަން އިން ކައުންޓަރ ޓެރަރިޒަމް" ގެ ނަމުގައި ބާއްވާ ސެމިނާއާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު ފޮޓޯ: މުޙައްމަދު ޖިމީ

މި ސެމިނާގައި ޖުމްލަ 51 ބައިވެރިން ބައިވެރިވާއިރު ރާއްޖެއިން ބޭރުން 35 ފަރާތަކާއި ރާއްޖޭގެ 16 ފަރާތެއް ހިމެނެއެވެ. މި ސެމިނާގައި ބައިވެރިވާ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

މި ސެމިނާގައި ބައިވެރިން ހުށައާޅާ ކަރުދާސްތަކާއި މެދު ވާހަކަ ދައްކާ އިސްލާމީ އުސޫލްތަކާއި ޚިލާފަށް ކުރާ ކަންތައްތަކާއި ފިތުނަ އުފެއްދުމަށް ކުރާ ކަންތައްތަކާއި އެފަދަ ކަންކަން ހައްލުކުރުމަށް ކުރާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.

މި ސެމިނާގައި ޖުމްލަ 15 ގައުމަކުން ބައިވެރިން ބައިވެރިވާނެ ކަމަށާއި އޭގެ ތެރޭގައި ބައިނަލް އަގުވާމީ ބޮޑެތި ޖަމިއްޔާތަށް ކަމަށްވާ އަރަބި ލީގްގެ ބޭފުޅުންނާއި އިސްލާމިކް އެޑިއުކޭޝަން ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަންގެ ބޭފުޅުންގެ އިތުރުން އޯއީސީގެ ބޭފުޅުން ވެސް ބައިވެރިވާނެކަމަށް އިސްލާމިކް މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަޒްހަރު ޔުނިވާ ސިޓީއާއި އިސްލާމް ދީނުގެ މައުލޫމާތު ފަތުރާ މުޙިއްމު އެތަށް ފަރާތެއް މި ސެމިނާގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިއީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދުރުވިސްނުމާއެކު ދިވެހިރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމަށާއި އިސްލާމް ދީން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދަވާ ސެމިނާއެއް ކަމަށެވެ.

މިސެމިނާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2 ދުވަހުގެ މުއްދަތަކަށެވެ. މި ސެމިނާ ކުރިއަށްދާނީ މިމަހު 14 އިން 15 އަށް ބަޑޮސް އައިލެންޑް ރިޒޯޓްގައެވެ.