އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދިޔަ މައްސަލަ އަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މެންބަރު އަހުމަދު ސަމީރު ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށްބުނެ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ހެއްދެވީ އިތުރުފުޅުކަމަށް ސަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޝިއުނާ ވިދާޅުވީ އެކޮމިޝަނުން ބަލަމުންދިޔަ މައްސަލައަކަށް ނުފޫޒު ފޯރުވުމަށް ސަމީރު މަސައްކަތް ކޮށްފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުން ދަނިކޮށް ފޯނުން ގުޅުއްވައި ސަމީރު ވާހަކަދައްކާފައި ވަނީ ރުންކުރުކޮށް ކަމަށެވެ. އަދި ވަކި ގޮތަކަށް މައްސަލަ ނިންމުމަށް ބާރުއަޅައި ސަމީރު ވާހަކަ ދައްކަވާފައިވާކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

އެކަން ޝިއުނާ ހާމަކުރުމާ ގުޅިގެން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވަނީ އެއީ ކޮން މައްސަލައެއްތޯ ޝިއުނާ އާ ސުވާލުކުރައްވާފައެވެ. ޝިއުނާ ވިދާޅުވީ ބަލަމުންދަނީ ސްޓޭޓް މިނިސްޓަރަކާ ގުޅޭ މައްސަލައެއް ކަމަށެވެ.

މިކަމާ ގުޅިގެން ސަމީރު ވިދާޅުވީ ޝިއުނާ އަށް ގުޅުއްވީ އެއްވެސް ހާލަތެއްގައި ބަލަމުންދާ މައްސަލަ އަށް ނުފޫޒު ފޯރުވުމަށް ނޫން ކަމަށާއި، އޭސީސީ އިން ފޯނުން އެ މައްސަލައާ ގުޅޭ ސްޓޭޓް މިނިސްޓަރަށް ފޯނުން ގުޅުއްވައި އަމިއްލަ ހައިސިއްޔަތުން އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގެވުމާ ގުޅިގެން އެ މިނިސްޓަރުގެ ކަނބޮޑުވުން ސަމީރަށް ހިއްސާކުރުމާ ގުޅިގެން ކަމަށެވެ.

އަދި އެހާ ނުރަސްމީކޮށް އެންގެވުމުން އެސީސީ ގެ ރައީސާ އަށް ގުޅުއްވީ އެއީ އޭސީސީ އިންތޯ ޔަގީން ކުރައްވަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ އެންގުމެއް އޭސީސީ އިން އަންގާފައި ނުވާކަމަށް ޝިއުނާގެ ފޯން ކޯލުގައި ވިދާޅުވިކަމަށް ސަމީރު ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Alibe

    ސަމީރަކަށް ނުޖެހޭ ހަމަ މީހަކު ބުނާއިރަށް އެމީހާގެ ދިފާއުގަ ތެޅެގަންނާކަށް

  2. ސޯދިގު

    ކުފޫ ހަމަ ނުވާ މީހުން ނެރުމަށް ރައީސް އިބޫއަށް ގޮވާލަން. މިނިސްޓަރޯ؟ ކޮން ފާހެއްތޯ އޮތީ؟ސަނަދުގަޑެއް އެބަ އޮތްތޯ؟

  3. ކިނބޫ

    ކަލޭ ކޮށްފާނެ ކަލޭ ކޮށްފާނެ. ކަލޭ ދަންނަމޭ މަ. މަމީ މަޖިލިސް މެންބަރެކޭ މަ ކާކުކަން ނޭނގިގެނޭ ތިއުޅެނީ މަ ބޭނުން މައުލޫމާތެއް ޖެހޭނީ ދޭށޭ ކިޔައި އިލެކްޝަނުން އުސޫލާ ޚިލާފަށް މައުލޫމާތު ހޯދަން ކަލޭ ގުޅީމަ ފޯނުން ކަލެއާ ވާހަކަ ދެއްކީ މަށޭ. ކަލޭގެ ފެންވަރު އެދުވަހު މަށަށް އޮތީ އެނގިފަ. ކަލޭ ކޮށްފާނެ އެކަހަލަ ކަމެއް.