ރައީސް އަބްދުﷲ ޔާމީން ދައުރުގައި ޕްރޮސެކިއުޓާ ޖެނެރަލް މަގާމަށް އައްޔަން ކުރެއްވި އައިޝަތު ބިޝާމް އެ މަގާމުގައި އަދިވެސް ބަހައްޓަފައި އެ ހުންނެވީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ޕީއެންސީ އަދި ޕީޕީއެމް ހިމެނޭ އިދިކޮޅު އިއްތިހާދުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ޝުޖާއު ވިދާޅުވީ ބިޝާމް ޕީޖީގެ މަގަމުގައި ވަގުތީގޮތުން ބަހައްޓައިފައި ވަނީ ސަރުކާރުން ބޭނުންވާ ސިޔާސީ ދައުވާތައް އުފުލުމުގެ މަގްސަދުގައި ކަމަށެވެ.

ޝުޖާއު މިހެން ވިދާޅުވީ ދާދިފަހުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އިން ބިޝާމް މަގާމުން ވަކިކުރުމަށް މަސައްކަތް ކުރުމަށް ފާސްކޮށް އޭގެ 24 ގަޑިއިރުގެ ތެރޭގައި ހަމަ އެކޮމެޓީ އިން މައްސަލަ އަނބުރާ ގެންދިއުމާ ގުޅިގެންނެވެ.

ޝުޖާއު ވިދާޅުވީ ބިޝާމް މަގާމުން ވަކިކުރުމަށް ނިންމަން ބޭނުން ނުވި ސަބަބު ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށާއި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އާއި ރައްޔިތުގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަމަނާ ލައްވައި ސިޔާސީ ދައުވާތަކެއް އުފުލަން ބޭނުންވާތީ ކަމަށެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި ބިޝާމް ކޮންމެ ކަމެއް ކުރިޔަސް އެނާ ވަރުގެ ނުބައި މީހެއް ސަރުކާރު ހިންގާ އެމްޑީޕީ އަށް ނުހުންނަ ކަމަށާއި އެހެން ނަމަވެސް މިހާރު އެކަން ބަދަލުވަމުން އަންނަ ކަމަށެވެ.

މަޖިލީހަށް ޖުޑިޝަރީ ކޮމެޓީ އިން ހުށަހަޅާފައިވާ ނިންމުން ބާތިލް ކުރަން ހުށަހެޅި އެ ހުށަހެޅުން ހުށަހަޅާފައިވަނީ އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެވެ. އިއްޔެ އެ ހުށަހެޅުން ހުށަހެޅުއްވިީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. އޭނާ މިއަދުގެ ކޮމެޓީ ބައްދަލުވުމަށް ވަޑައިނުގަންނަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަފިނެސް

    މަސްއޫލިއްޔަތު އުފުލުމުގައި އެއްވެސް ދަތިތަކެއް ހުރި ކަމުގައިވަނީނަމަ މަގާމުން އިސްތިއުފާ ދެއްވާ އަބުރުވެރިކަމާއެކު ގޭގައި ހުރުމަކީ އެންމެ ރަގަޅު ގޮތްކަން ހިތުގެ ލޯތްބާއެކު ބުނަން(.)