މަސްތުވާތަކެއްޗާއެކު މާލެ އަތޮޅު ކާށިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ކ.ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކާށިދޫ މަގުމަތިން މި މީހާ ހައްޔަރުކުރީ މިމަހުގެ 20 ވަނަ ދުވަހުގެ 18:05 ގައެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލުމާތު ދެއެވެ.

މި މީހާގެ ބަންދަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު ފުލުހުން ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އާއި، ޕޮލިސް އިންޓެލިޖެންސް ގުޅިގެން މި ފަހަކަށް އައިސް މަސްތުވާތަކެއްޗާ ދެކޮޅަށް އެތައް އޮޕަރޭޝަންތަކެއް ކުރިޔަށް ގެންދަމުން ދާކަމަށް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު