ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހުސްވެފައިވާ މަގާމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިތާއި ކުރީގެ ބަންޑާރަ ނައިބުގެ މަގާމުގައި ހުންނެވި ދިޔާނާ ސައީދުގެ ނަން މިއަދު އަނބުރާ މަޖިލީހުގެ ތަޅުމަށް ގެނެސްފިއެވެ.

ދިޔާނާއާއި މަހާޒް ފަނޑިޔާރުންނަށް އައްޔަން ކުރުމާ ގުޅޭގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އަށް ފޮނުވާފައި ވަނީ އިއްޔެއެވެ. އަދި އެކޮމެޓީ އިން މިއަދުގެ މަޖިލީހަށް ވަނީ މައްސަލަ ބަލައި ނިންމި ގޮތް ފޮނުވާފައެވެ. އެހެން ނަމަވެސް އެ ރިޕޯޓުގައި ޖުޑިޝަރީ ކޮމެޓީ އިން ބުރަވާ ކޮޅެއް ނުވަތަ ދެކޭ ގޮތް ހާމަކޮށްފައި ނުވުމުން އެ މައްސަލަ އަނބުރާ ޖުޑިޝަރީ ކޮމެޓީ އަށް ފޮނުވުމަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވަނީ ނިންމާފައެވެ.

އެހެފަހުންވެސް އެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައި އެ ނަންތަކާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އެ މައްސަލައިގައި ދެން އޮންނަނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަށް ހުށަހެޅުއްވި މަހާޒްގެ ނަމެވެ. އަދި އޭގެ ފަހުން އެ ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލި ފުރުސަތުގައި ދިޔާނާ ވަނީ ކުުުރިމަތިލައްވާފައެވެ. މި ދެބޭފުޅުންގެ އިތުރުން, އެ މަގާމަށް ކުރިމަތި ލެއްވި އެހެން ބޭފުޅުންނާއި އިންޓަވިއުކޮށް އޭގެ ތެރެއިން ދިޔާނާ އާއި މަހާޒްގެ ނަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ރައީސަށް ލަފާ އެރުވީ އެންމެ ބޮޑަށް ރިކޮމެންޑް ކުރާ ބޭފުޅުންގެ ގޮތުގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.