ރާއްޖެއަށް ފިޔާ އެތެރެކުރަން ދަތުރުކުރި ބޭރުގެ ބޯޓު އަޑިއަށް ދިޔަ ހާދިސާގައި ކަނޑުވި ނުވަ މީހުން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ފިޔާ ބަރުކޮށްގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ "އެމްއެސްވީ އާކް އޮފް ގޯޑް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓްގައި ތިބި މީހުން ކަނޑުވެފައި ތިއްބައި، އެހެން ބޯޓަކަށް ނަގާފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު މެންދުރު 13:10 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން މައުލުމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ ބޯޓު އަޑިއަށް ދިޔައިރު އޭގައި ނުވަ މީހުން ތިބިކަމަށާއި އެ މީހުން ސަލާމަތްކޮށް އެހެން ބޯޓަށް އެރުވީ ކަނޑުވެފައި ތިއްބާ ކަމަށެވެ. އެމީހުން އެރުވި ބޯޓަކީ މާލެއިން ފުރައިގެން ޓުޓިކޮރިން ބަނދަރަށް ދަތުރުކުރަމުންދިޔަ ރާއްޖޭގެ ބޯޓެއްކަަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެބޯޓާއެކު އިންޑިއާ ކޯސްޓްގާޑުގެ އުޅަނދެއް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ނުވަ މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ބޯޓު އަޑިއަށް ދިޔަ ސަރަހައްދު އަދި ސާފު ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އަޑިއަށްދިޔަ ބޯޓަކީ، "މިޑް ސީ ޝިޕިންގ ޕްރައިވެޓް ލިމިޓެޑް" ގެ އެޖެންޓްކަމުގެ ދަށުން ދުއްވަމުން ދިޔަ ބޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޭސް

    ހާދަ ފިނިސަރަހައްދަކަށް ވާނޭ ދޯ

  2. 19 ނަވާރަ

    ދެން ރާއްޖެއަށް އެމީހުން އެތެރެ ކުރޭ ހާލުގަ ޖެހުނުބައެކޭ ކިޔާފަ

    1
    1
  3. ހޯހޯ

    ބޯޓަށް ކިޔާ ނަމަށް ބަލާލަ ބަލަ! އެއީ ދީނީ ފުރައްސާރައެއް ނޫންތަ؟