2017 ވަނަ އަހަރުގެ ސެޕްޓެމްބަރު ތެރޭގައި ހިނގި މާރާމާރީއެއްގައި މަރުވި ވ. ކެޔޮދޫ ދޭލިއާގެ، މޫސާ އަހްމަދު މަނިކުގެ މަރާ ގުޅިގެން އެ މައްސަލައިގެ ޝަރީޢަތުގެ ކުރިން ސީސީޓީވީ ފުޓޭޖް ހާމަކުރަން ދަޢުލަތުން ދެކޮޅު ހަދައިފިއެވެ.

މޫސާ އަހްމަދުގެ މަރުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވީ އެ މައްސަލައިގެ ޝަރީޢަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ކަންތައްތައް ހުށަހަޅަން ފުރުސަތު ދިނުމަށް ބޭއްވި އިބްތިދާޢީ އަޑުއެހުމެކެވެ. ދަޢުލަތުގެ ފަރާތުން ވަނީ ޝަރީޢަތް ފެށުމުގެ ކުރިން 20 ކަމެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެ މައްސަލައިގައި ދަޢުލަތުން ހުށަހަޅާ ހެކިންގެ ހެކިބަސް ސިއްރުން ނެގުމާ ބެހޭ ހުށަހެޅުންތަކެވެ.

އޭގެ އިތުރުން އެ މައްސަލައިގައި މަރުވި މޫސާ އަހްމަދުގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރުންގެ ނަންތައްވެސް ސިއްރުކޮށްދޭން އެދިފައިވާއިރު، އެ ހާދިސާ ހިނގި ސަރަޙައްދުން ހެއްކެއްގެ ގޮތުގައި ދަޢުލަތުން ހުށަހަޅާ ސީސީޓީވީ ފުޓޭޖު ނެގުނު ސަރަޙައްދު އެނގިދާނެތީ އެ ފުޓޭޖްވެސް ޝަރީޢަތުގެ ކުރިން އެއްވެސް ފަރާތަކަށް ހިއްސާ ނުކުރަން ދަޢުލަތުން އެދިފައިވެއެވެ.

ސީސީޓީވީ ފުޓޭޖް ސިއްރުކުރަން ހުށަހަޅަނީ ޝަރީޢަތުގެ ކުރިން އެ ފުޓޭޖް ދޫކޮށްލައިފިއްޔާ އެ ފުޓޭޖް ދިރާސާކޮށް، މައްސަލައިގެ ބާވަތުން، އެ ކަމުގެ ސަބަބުން އިތުރު ބަޔަކަށް ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ދަޢުލަތުން ފާހަގަކުރެއްވިއެވެ. ސީސީޓީވީ ފުޓޭޖް، ޝަރީޢަތުގެ ކުރިން ސިއްރުކުރަން ދަޢުލަތުން ހުށަހަޅާފައިވާތީ ދިފާޢީ ވަކީލުން ވަނީ އެކަމަށް އިޢުތިރާޒް ކޮށްފައެވެ.

މޫސާ އަހްމަދު މަރާލި މައްސަލައިގެ ދަޢުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ފާހަގަކުރެއްވި ގޮތުގައި ސީސީޓީވީ ފުޓޭޖް ކޮންމެ ގޮތަކަށް ވިއަސް ނެގިފައި ހުންނާނީ އެ މައްސަލައިގައި މޫސާ އަހްމަދު މަރުވި ސަރަޙައްދުން ކަން އެނގޭ ކަމަށާއި، އެކަން އެހެން އޮތް އިރު، ބަޔަކަށް ބިރުދައްކައި، ގެއްލުންދޭން ބޭނުންވި ނަމަ، ކުރީ ބައިގައި އެ ސަރަޙައްދަށް ގޮސް ހުރިހާ ގެތަކަށާއި، ފިހާރަތަކުގައި ހުރި ކެމެރާތަކެއް ފާސްކޮށް ދިރާސާކުރަން އެމީހުންގެ މުވައްކިލުން އުޅޭނެ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައިގެ ޝަރީޢަތް ފަށަން ކައިރިވެފައިވާއިރު، ދަޢުލަތުން މައްސަލައިގެ ދަޢުވާ ފޯމުގައި އެންމެ ފުރަތަމަ ހުށަހަޅާފައިވާ ހެކިންގެ އިތުރުން ހެކިން ހުށަހަޅާ ކަމަށް ބުނެ ދިފާޢީ ވަކީލުން ވަނީ އެކަމަށްވެސް އިއުތިރާޒު ކުރައްވާފައެވެ. އެ މައްސަލައިގެ ދަޢުވާ ފޯމް މިދިޔަ އަހަރުގެ ތެރޭގައި ޕީޖީ އޮފީހުން އިސްލާހު ކުރެވުނުއިރު، ފުރަތަމަ ހުށަހެޅުމުގައި ނުހިމެނޭ ހެކިންނާއި ލިޔެކިޔުންތަކެއް ދަޢުލަތުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ ކަމަށާއި، އަދި އެއީ ޖިނާޢީ އިޖުރާތުގެ 83 ވަނަ މާއްދާ އާއި ޙިލާފަށް ކުރެވޭ ކަމެއް ކަމަށް ވަކީލުން ވިދާޅުވިއެވެ.

ދިފާޢީ ވަކީލުންގެ ރައްދާއި ގުޅިގެން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ، އަހްމަދު ހައިލަމް ވަނީ ދަޢުލަތަށް އެކަން ސާފުކުރަން ފުރުސަތު ދީފައެވެ. ދަޢުލަތުގެ ވަކީލާއިން ވިދާޅުވީ މައްސަލައިގެ ދަޢުވާ ފޯމް އިސްލާޙު ކުރެވުނު ނަމަވެސް، ދަޢުވާ ކުރެވޭ ކުށާއި، ކުށާއި ގުޅިގެން ހުށަހަޅާ ހެއްކަކަށް ބަދަލު ގެނެސްފައި ނުވާ ކަމަށެވެ.

ޝަރީޢަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ކަންތައްތައް ހުށަހަޅަން ބޭއްވި އަޑުއެހުން ވަނީ ހުށަހަޅާފައިވާ ހެކިންނާ ބެހޭގޮތުން ދެފަރާތުން ޤާނޫނީ ވާހަކަތަކުން ދިގުލައިގެން ގޮސްފައެވެ. ސީސީޓީވީ ފުޓޭޖްވެސް ވަނީ ފަހުން ހެއްކެއްގެ ގޮތުގައި އިތުރުކޮށްފައި ކަމަށްވެސް ދިފާޢީ ވަކީލުން ވިދާޅުވިއެވެ. ނަމަވެސް، ދަޢުލަތުގެ ފަރާތުން ވިދާޅުވީ ދަޢުލަތުން ސީސީޓީވީ ފުޓޭޖު ހުށަހަޅަނީ އެ މައްސަލައިގެ ދަޢުވާ އުފުލިފައިވާ މީހުން އެ ސަރަޙައްދުގައި މާރާމާރީ ހިންގަން ބައިވެރިވިކަން ސާބިތުކުރުމަށާއި، އަދި އެމީހުން އެއްކޮށް އެތަނަށް ދިޔަކަން ސާބިތުކުރަން ކަމަށެވެ. އަދި އެއީ މައްސަލައިގެ ދަޢުވާ ފޯމް އާއި އެއްކޮށް ހުށަހަޅަން ޖެހޭ އެއްޗެއް ކަމަށް ޖިނާޢީ އިޖުރާތުގައި އޮތުމުން، ކުރިން ޢަމަލް ކުރަމުންދާ އުސޫލުގެ ދަށުން ވަކިން ސިޓީ އަކުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށެވެ.

މޫސާ އަހްމަދު މަނިކު، އުމުރުން 19 އަހަރުގައި މަރުވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ މާފަންނު ދުނބުރި މިސްކިތް ސަރަޙައްދުގައި އޭނާ ހުއްޓާ ގުރޫޕަކުން އެތަނަށް ގޮސް އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާއި ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް އެރޭގެ ވަގުތެއްގަ އެވެ.

މޫސާ އަހްމަދު މަރާލި މައްސަލާގައި ދައުލަތުން ވަނީ ފަސް މީހެއްގެ މައްޗަށް ދަޢުވާ އުފުލާފަ އެވެ. އެއީ ސ. ހިތަދޫ، ގުލްބަކާގޭ، މުހައްމަދު ނާޝިޒް ނާޒިމާއި، ސ. ހިތަދޫ، މުޑުދާސް، އަލީ ހަސަން އާއި، މ. ދިއްގަރު، ދެބުދާރުގޭ، އަހްމަދު އީޖާދު މުހައްމަދާއި، އދ. މާމިގިލީ، ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހްމަދު ފަތުހީއާއި، ނ. ޅޮހީ، ކަނީރުމާގޭ، މުހައްމަދު ރިޔާޒު އެެވެ. އޭގެ ތެރެއިން ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ދަޢުވާ ކޮށްފައިވަނީ އިބްރާހިމް ސައްމާހު އަހްމަދުގެ މައްޗަށެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އިސް ޤާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ކަންކަމާ ގުޅިގެން ގޮތެއް ނިންމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Juhaa

    ތިޔައީ ކޮންކަހަލަ ދިފާޢީ ވަކީލުންތަކެއް؟ ބޮޑެތި މުޖުރިމުންގެ ދިފާޢުގައި ވަކާލާތުކޮށްގެން ހަރާން ލާރި ކާން އުޅޭ ބައެއް ތިޔައީ.

    15
  2. ވަކީލާ

    ވަކީލުންނަކީ އެންމެ ނުބައި މީހުން. އެމީހުންނަކީ ލާރިއައް ވިކޭބަޔެއް. އަދި އަންހެނުންތައް ވަކީލުންނައް ވެގެން މި ޤައުމުގަ ތިބެނީ އަމީހުންނައް އަމީހުން އޮޅިފަ.