ވިލާ ކޮލެޖުން ރާއްޖެއަށް މުޅިން އާ ފަސް ކޯހެއް ތަޢާރަފް ކޮށްފިއެވެ.

މިއަދު ހަވީރު ވިލާ ކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކޯސްތަށް ތައާރަފްކޮށްފައިވާއިރު އަލަށް ތައާރަފް ކުރެވުނު ކޯސް ތަކަކީ މާސްޓާސް އިން ޝަރީޢާ އެންޑް ލޯ އާއި މާސްޓާރ އޮފް ބިޒްނެސް އެޑްމިނިސްޓްރޭޝަން، މާސްޓާރ އޮފް ދިވެހި ލެންގުއޭޖް އަދި ޑިޕްލޮމާ އިން ޓޫރިޒަމް އެންޑް ހޮޓެލް މެނޭޖްމެންޓުގެ އިތުރުން ސެޓްފިކެޓް 4 އިން ނާރސިންއެވެ.

އަދި އަލަށް ތައާރަފް ކުރެވުނު ކޯސްތަކުގެ އިތުރަށް 102 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވިލާ ކޮލެޖުން ވަނީ ހުޅުވާލައިފައެވެ.

ވިލާ ކޮލެޖުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

އަލަށް ތައާރަފްކުރެވުނު ކޯސްތަކުގެ އިތުރަށް މިއަހަރު މެއި އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު 15 އޭޕްރީލްއަށް އިތުރުކޮށްފައިވާއިރު ވިލާ ކޮލެޖުން ބުނީ އަލަށް ތައާރަފް ކުރި ކޯސްތަކަށް އަތޮޅު ތެރެއިންނާއި މާލެއިންވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އަލަށް ތައާރަފްކުރެވުނު ފަސް ކޯހުގެ އިތުރުން ވިލާ ކޮލެޖުން މެއި އިންޓޭކުގައި ފެށުމަށް ހަމަޖެހިވާ އިތުރު ކޯސްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ބިޒްނެސް މެނޭޖްމެންޓް، ޓީޗިން، އެޑިޔުކޭޝަން ޝަރީޢާ، ލޯ، އިސްލާމް، ޤުރުޢާން، ހިޔުމަން ރިސޯސް މެނޭޖުމެންޓް، އެކައުންޓިންގ ، ޕަބްލިކް ހެލްތް، ނާސިންގ، އޭސީސީއޭ، ރިސާރޗް އަދި މެރިން ސްޓަޑީސް ހަދާ ދާއިރާ ތަކުން ސެޓްފިކެޓް ލެވެލް 1 ން ފެށިގެން މާސްޓާރސް ލެވެލްގެ ކޯސްތަށް ހިމެނެއެވެ.

ވިލާ ކޮލެޖުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މިއަދު ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަރ ޑރ އަހުމަދު އަންވަރު ވިދާޅުވީ މެއި އިންޓޭކްގައި ފަށާ ކޯސްތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއެއް ކަމަށްވާ ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާރ އަދި ޑިގްރީ ކޯސްތަށް ހިމެނޭނެ ކަމަށެވެ. އަދި ވިލާ ކޮލެޖުން ހިންގާ ކޯސްތަކުގެ ފެންވަރު ދުނިޔޭގެ ނަން މަޝްހޫރު ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ހިންގާ ކޯސްތަކުގެ ފެންވަރާއި ދާދި އެއްވަރުވާނެ ކަމަށްވެސް ޑރ އަންވަރު ވިދާޅުވިއެވެ.

" އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތަކީ ކުދިންގެ ފެންވަރު ރަނގަޅު ކުރުން. އެގޮތުން ދުނިޔޭގެ ބައެއް ނަން މަޝްހޫރު ޔުނިވާސިޓީތަކާއި އެކުގައިވެސް އަޅުގަނޑުމެން ވާނީ މަސައްކަތް ކޮށްފަ. އެހެންކަމުން އަޅުގަނޑުމެން ހިންގާ ކޯސްތަކުގެ ފެންވަރު ދުނިޔޭގެ ނަން މަޝްހޫރު ކޮލެޖުތަކުން ހިންގާ ކޯސްތަކުގެ ފެންވަރާއި ދާދި އެއްވަރުވާނެ." އަންވަރު ވިދާޅުވިއެވެ.

ވިލާ ކޮލެޖުގެ ގިނަ ކެމްޕަސްތަކެއް ރާއްޖެތެރޭގެ ރަށްތަކުގައި ހިންގާއިރު ވިލާ ކޮލެޖުން ވަނީ އެ ކޮލެޖުގެ ދަރިވަރުންނަށް ލުއިފަސޭހަވާނޭ ގޮތަށް އޮންލައިންކޮށް ކޯހަށް ފައިސާ ދެއްކޭނެ އިންތިޒާމު ފެބްރުއަރީ މަހުން ފެށިގެން ހަމަޖައްސައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަހަށްދޭދޭ

    ތަމެންގެ ކޮލެޖް އިން ކިޔަވައިގެން ހުރި މީހަކު ނުފެނޭ ދޯ ރިސޯރޓަކުން ވެސް. ތަމެން މަހަށް ތޭ ދަނީ މަހަށް ދޭބަލަ ދެން. މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

    • ގަޅި

      އޮފީސް ޖޮބް އަކަށްވުރެ މަހަށް ގޮސްގެން މާ ލާރި ލިބޭ!!! މަހަށް ދިއުމަކީ ހަޑިކަމެއް ނޫން

  2. ެައައިޝާ

    ތިތާ ނެތް ރާއްޖެއަށް އާ އެންމެ ކޯހެއްވެސް. ވިލާ ކޮލެޖަށް އާ ކޯސްތަކަކަށް ވެދާނެ. ހަބަރު ލިޔާއިރު ރނގަޅަށް ބެލުން މުހިއްމު

  3. މާޟާ

    ތިތާކުނެތް ރާޖެ އައް އާ ކޯސް ތަކެއް އެހެން ކޮޅެޖް ތަކުންވެސް ތިކޯސް ތައް ހިންގާ.......

  4. ރުގީ

    ކީއްވެގެންތޯ މެޑިކަލް ރެކޯރޑްސް މެނޭޖްމަންޓް ކޯސް ސްޓާރޓް ނުކުރަނީ.