ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމުގެ މަގާމުން މުޙައްމަދު ރާގިބު އަޙުމަދު އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ ޢިސްތިއުފާ ދެއްވާފައިމިވަނީ މަގާމުން ވަކި ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނިކޮށެވެ.

މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކޮށް ޖޭއެސްސީއަށް އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާއާ ދެކޮޅަށް ބަލަމުންދާ މައްސަލާގައި އޭނާ ލައްވައި ވަކި ގޮތަކަށް ޖަވާބު ދިނުމަށް ބާރު އަޅައި، ޚުދުމުޚުތާރުކަމާއެކު ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފަށް ތަހުގީގު ހިނގާފައިވާ ކަމަށެވެ. އަދި އޭނާއާ ކުރިމަތި ކުރުވި ސުވާލުތަކަށް ތަފްސީލީ ޖަވާބެއް ދޭން މަސައްކަތް ކުރުމުން އޭނާގެ ވާހަކަ ހުއްޓުވައި ބޭއިންސާފުން އޭނާއާ މެދު އަމަލުކޮށްފައިވާ ކަމަށެވެ.

"ތަހުޤީޤީ ރިޕޯޓުގައި އަޅުގަނޑުގެ މައްޗަށް ޝަކުވާ ސާބިތުވާކަމަށް ނިންމާފައިވަނީ ހެކިބަހުން ކަމަށް ފާހަގަކޮށްފައިވާއިރު އެ ހެއްކަކީ ޒާތީ ހެކި ކަމާއި އެ ހެކި ބަސް ގަބޫލު ނުކުރެވޭނެ ދަލީލިތައް ކީރިތި ޤުރުއާނާއި ރަސޫލާގެ ބަސްފުޅުތަކުން ދައްކާފައިވާއިރު އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2012 ވަނަ އަހަރުގެ 01 ވަނަ ޤަޟިއްޔާއާއި އެއަހަރުގެ 27 ވަނަ ޤޟިއްޔާއާ ހަވާލާދީ އެހެއްކަކީ ސައްޙަ ހެއްކެއް ނޫންކަން ސާބިތުކޮށްދީ އަޅުގަނޑު ހުށަހެޅި 16 ސަފްޙާގެ ޖަވާބަށް ބަލާލުމެއް ނެތި ޒާތީ ތަޢައްސުބުން ފުރިގެން ތިއްބަވާ...." އެ ސިޓީގައި މެޖިސްޓްރޭޓް ރާގިބް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގައި އަދުލު އިންސާފެއް ނުލިބޭނެ ކަމަށް ފެންނާތީ އޭނާގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމީ ކަމަށެވެ.

މެޖިސްޓްރޭޓް ރާޣިބް ވަނީ ކ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމުގެ މަގާމު 27 އަހަރާއި 9 މަސްދުވަސް ވަންދެން ފުރުއްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަނެކެތި

    އިސްލާހުކުރުމަކީ މުށުތެރެއަށްލުން.. ޖުޑީޝަރީ މުށުތެރެއަށްލުން، ސިފައިންނާއި ފުލުހުން މުށުތެރެއަށްލުން.. އެތަންތަނަށް ސެކިއުލާ ފިކުރުގެ މީހުން ލައި މުޅިތަން އެމްޑީޕީ ބޭނުންވާގޮތަށް ބަދަލުކޮށްލުން.. ދެން އަންނާނި އަނެއް ދިވެހިރާއްޖެ، އަނެއް ގައުމިއްޔަތު..

    24
  2. ޝައިޚް

    ޢުމަރުގެފާނުގެ ބަސްފުޅު ވިދާޅުވެލައްވާ! " އެތަނެއްގެ ޢަދުލު އިންޞާފް ހިންގުމުގެތެރެޔަށް އެތަނެއްގެ ވެރިން އަތްބާނާނަމަ އެތަނެއް ހަލާކުވެދިޔުން ކުޑަތަންވެއްޖެއެވެ،"
    ކީރިތި ޤުރުއާނުގެ ބަސްފުޅު ވިދާޅުވެލައްވާ! "ތިމަން ﷲ ތަނެއް ހަލާކުކުރެއްވުމަށް އިރާދަކުރައްވައިފިހިނދު އެތަނެއްގެ އެންމެ ބޮޑަތި މުޖުރިމުންނަކީ އެތަނެއްގެ ވެރިންކަމުގައި ލައްވަމެވެ."
    ފެޑްރެލް ކާސްޓްރޯގެ ބަސް ވިދާޅުވެލައްވާ! "ނާޤާބިލް ވެރިންގެ އެންމެ އިސްކަމަކީ އެތަނެއްގެ ޢަދުލު އިންޞާފާ ބެހި ބަދަލުހިފުމުގެ ރޫހެއްގައި މަސައްކަތްކުރުމެވެ."
    ދިވެހި ރައްޔިތުންނޭވެ! ވިސްނައި ފިކުރު ކުރައްވާށެވެ. ޤަވްމު ފަނާވެދިޔުމުގެ ކުރިން ޤަވްމު ސަލާމްތަކުރަން ނުކުންނަވާށެވެ.

    21