މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) ގައި 2014 ވަނަ އަހަރުން ފެށިގެން އުޅުނު މީހުންގެ ފުރިހަމަ މަޢުލޫމާތު ހޯދަން ޕީޕީއެމް-ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މިއަދު ޔޫތް މިނިސްޓްރީ އަށް ސިޓީއެއް ހުށަހަޅައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ޔޫތް މިނިސްޓްރީ އަށް ސިޓީ އެއް ލިޔުއްވާފައިވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މިއަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހާއި ހަމަޔަށް އެމްޑީއެން ގައި މަސައްކަތް ކޮށްފައިވާ ބޭފުޅުންގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީ ކާޑް ނަންބަރު އެނގޭނެ ލިސްޓެއް ހޯދުމަށެވެ.

މި ސިޓީ ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ހުށެހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތާރިގު (ޓޮމް) އެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން އެންމެ ޒިންމާދާރު މީހާގެ ގޮތުގައި އުސޫލެއްގެ ގޮތުން އެ ސިޓީއަށް ޖަވާބުދާރީވާން ޖެހޭ ބޭފުޅަކީ، މިނިސްޓަރު އަހުމަދު މަހްލޫފުއެވެ.

ޔޫތް މިނިސްޓްރީ އަށް އެ ސިޓީ ހުށެހެޅުއްވުމަށްފަހު ނޫސްވެރިންނާއި ބޭއްވި ބައްދަލުވުމެއްގައި ޕީޕީއެމްގެ ފަރާތުން ވާހަކަ ދެއްކެވި ރައީސް ޔާމީން ސަރުކާރުގެ ހައުސިންގ މިނިސްޓަރު މުއިޒު ވިދާޅުވީ މިއަދުވެސް އެ ސަރަޙައްދުން ފެނިގެންދިޔައީ ނޫސްވެރިންގެ އަނގަމަތީގައި ޓޭޕް އަޅަމުންދާ މަންޒަރު ކަމަށެވެ. ނަމަވެސް އެބޭފުޅުން އެމްޑީއެން އުވާލަންދެން އެ ކުރައްވާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މި ސަރުކާރު މިތަނަށް މިއައީ ކީއްކުރަންތޯ؟ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ހުވާގައިވެސް، ހޯމް މިނިސްޓަރު ކުރެއްވި ހުވާގައިވެސް، ޕޮލިސް ކޮމިޝަނަރު ހުވާގައިވެސް، ކޮންމެ ފުލުހެއްގެ، ކޮންމެ ސިފައިންގެ މީހެއްގެ ހުވާގައިވެސް އޮންނާނީ އިސްލާމްދީން ޙިމާޔަތް ކުރައްވާނެ ކަމުގެ ވާހަކަ. އެކަމަކު އިސްލާމްދީނަށް ގޮންޖަހާލާފަ، ފާޑު، ފާޑުގެ ރިޕޯޓު ނެރުނީމަ، 3 ހަފްތާ، 4 ހަފްތާ ވާއިރު އަދިވެސް ފިޔަވަޅެއް ނޭޅޭ. މިހާރުވެސް އެ ރިޕޯޓު ނެރުނުއިރު އެ ޖަމިއްޔާގައި އުޅުނު މީހުން ރައްޔިތުންގެ ބައިތުލްމާލުން މުސާރަ ނަގައިގެން ސަރުކާރުގެ މަޤާމްތަކުގައި އެބަތިބި،" މުއިއްޒު ވިދާޅުވިއެވެ.

އެމްޑީއެންގައި އުޅުނު މީހުންގެ މަޢުލޫމާތު ހޯދަން ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ޔޫތް މިނިސްޓްރީ އަށް ސިޓީ ހުށެހެޅުއްވާފައިވާއިރު، މިރޭ އެ ކޯލިޝަނުގެ ފަރާތުން އެމްޑީއެން އުވާލުމަށް ގޮވާލައި، ސުލްހަވެރި އިހުތިޖާޖެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ސުލްހަވެރި އެއްވުން އޮންނާނީ މިރޭ 20:30 ގައި ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ލަތީ

  ސާބަހޭ ޕީޕީ ކުދިން. ތިހެން ތިބޭނީ ދިވެހި ދަރިން. ﷲ އިރާދަކުރެއްވިއްޔާ ދީނަށް ނަސްރު ލިބޭނެ.

  24
  1
 2. ރީލޯޑުވަޒީރު

  ނުކެރޭނެ ދޭކަށް މަމިބުނަނީނު ނުޖެރޭނޭ ދޭކަށް.

 3. 19 ނަވާރަ

  އެންމެ ފުރަތަމަ ވެސް އެމް ސީ ހަމީދު ނަން އޮންނަށްވާނެ.