މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް، އެމްޑީއެން އުވާލަން ގޮވާލައި މަގުމައްޗަށް ނުކުތީމަ، ދެން އެބޭފުޅުން ތިބެން ޖެހޭ ތަނެއް މިހާރުގެ ޕޮލިސް ކޮމިޝަނަރު، މުހައްމަދު ޙަމީދު އަކަށްވެސް ނޭނގޭނެކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި ކުރީގެ ބާރަށު ދާއިރާގެ މެމްބަރު، އަހްމަދު ޝުޖާއު (ޝުޖާ) ވިދާޅުވެއްޖެއެވެ.

50 އަކަށް މީހުންނާ އެއްކޮށް އެމްޑީއެންގައި އުޅުނު މީހުންގެ މަޢުލޫމާތު ހޯދުމަށް އެދި ޔޫތް މިނިސްޓްރީ އަށް ސިޓީއެއް ހުށަހަޅަން މިއަދު ވަޑައިގަތީމަ ސަރުކާރުން ތެޅޭ މިންވަރު ފެނިއްޖެ ކަމަށާއި، ސަރުކާރުން ރޯމަހެއް ތެޅޭހެން ތެޅޭ މަންޒަރު މިއަދު ފެނިއްޖެ ކަމަށް ޝުޖާ ވިދާޅުވިއެވެ.

"މަނިކުފާނު ތިގޮތަށް ޢަމަލްކުރެއްވިއަސް، މަނިކުފާނަކީ އެމްޑީއެންގައި ހިމެނޭ މީހެއް ކަމަށް މުޅި ރާއްޖެ މިއަދު ޤަބޫލު ކުރެޔޭ. ތިގޮތަށް ޢަމަލު ކުރައްވާނަމަ އަޅުގަނޑުމެން ޖެހޭނީ މަގުމައްޗަށް ނުކުންނަން. މަގުމައްޗަށް ނުކުތީމަކާ އަޅުގަނޑުމެން ތިބެން ޖެހޭ ތަނެއް ހަމީދު އަކަށް ނޭނގޭނެ. އަޅުގަނޑުމެން ހާސިލްކުރަން ބޭނުންވާ ކަމެއް ހާސިލްކޮށްފަ އަޅުގަނޑުމެން ގެއަށް ވަންނާނީ. އެމްޑީއެންގެ ހިމެނިވަޑައިގަންނަވާ އެންމެން މިހާރު ތިބި މަޤާމުތަކުންނާއި އެއްކޮށް މިހާރުން މިހާރަށް ވަކިކުރަންވީ،" ޝުޖާ ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދު އަމިއްލަ ހައިސިއްޔަތަކުން މީގެ ކުރީގައި އެމްޑީއެންގައި ޙަރަކާތްތެރިވެވަޑައިގަތް ކަމަށް ދިވެހި ފުލުހުން، އެމީހުންގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ވަނީ ދާދި ފަހުން ހާމަކުރައްވާފައެވެ. އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ތިލަވުމާއެކު، އެ ޖަމިއްޔާގައި ހިމެނޭ ބައެއް މީހުން، އެ ޖަމިއްޔާއިން އިސްތިޢުފާ ދެއްވާފައިވާ އިރު، ތަހުގީގަށް މިހާރު ހާޒިރުކުރަން ބޭނުންވާ އެމްޑީއެންގެ ހުރިހާ އެންމެން ވަނީ ރާއްޖެއިން ބޭރުގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.