ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާފައިވާ ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދަކީ މިނިވަން ޚިޔާލުގެ ބޭފުޅެއް ކަމަށް އެކަމަނާގެ ފިރިކަލުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ދިޔާނާ އާއި ބެހޭ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

ޖާބިރު ވިދާޅުވީ ދިޔާނާ އަކީ އިލްމީ ގޮތުން ފާހަގަ ކުރެވޭ ކާމިޔާބުތަކެއް ހާސިލްކޮށްގެން ހުންނެވި މިނިވަން ޚިޔާލުގެ ބޭފުޅެއް ކަމަށެވެ.

"އަންހެނުންނަކީ ފިރިންގެ ކޮންޓްރޯލްގެ ދަށުގައި ތިބި އަމިއްލަ އިހްތިޔާރުނެތް ބައެއްގެ ގޮތުގައި ސިފަކޮށް އެމަގުން އަންހެނުންގެ ކުރިމަގަށް ހުރަސް އެޅުމަކީ ނާތަހުޒީބު ކަމެއް." ޖާބިރު ވިދާޅުވިއެވެ.

"ހައިލީ ރެކޮމެންޑް" ނަމެއްގެ ގޮތުގައި ދިޔާނާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކަމަނާގެ ނަން މަޖިލީހަށް ފޮނުވާފައި ވާއިރު "ވަގުތު" އާއި "މިއަދު" ނޫހަށް ފިޔަވަޅު އަޅަންށާއި، އިސްލާމްދީނާއި ބެހޭ ގޮތުން ވާހަކަދައްކާ ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅަން ދިޔާނާ މަޝްވަރާކުރި ޗެޓްލޮގްތަކެއް ވަނީ މިހާރު ލީކް ވެފައެވެ.

ދިޔާނާ މިމަޝްވަރާކޮށްފައި ވަނީ މިނިވަން ރޭޑިއޯ ހިންގާ ނޫސްވެރިޔާ އައިޝަތު އާނިޔާ އާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) އާއި މަރާލާފައިވާ ނޫސްވެރިޔާ ޔާމީން ރަޝީދުގެ ލޯބިވެރިޔާގެ އިތުރުން މުހައްމަދު ޝުރައިހް ނަމަކަށް ކިޔާ މީހަކު ހިމެނޭ ޓްވިޓާ ގްރޫޕެއްގައެވެ.

ދިޔާނާ ސުޕްރީމް ކޯޓަށް އައްޔަން ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިފައި ވާއިރު އެކަމަނާ އަކީ ފާއިތުވި 12 ވަރަކަށް އަހަރު ވަރަށް ފާޅުގައި ސިޔާސީ ކަންތައްތަކުގެ އިސް ސަފުން ފާހަގަ ކުރެވުނު ސިޔާސީ ބޭކަނބަލެކެވެ. މީގެ ކުރިން ސިޔާސީ ކަންކަމުގައި މިހައި އިސްކޮށް އުޅުނު ބޭފުޅަކު ރާއްޖޭގެ ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަޒްރާ ޢަލީ

    ކަލެއަކީ ހޮނޑައިދޫ ފިކުރުގެ މީހެއް ހިތުން ޖާބިރު ކަމުން ފިރުޢައުނު

    49
    3
  2. ރަދީފް

    ޖާބިރަށް އަހަރެން ކުރި ތާއީދު އަނބުރާ ގެނެސްފިން.

    20
    2
  3. ސަމީ

    ތިޔަ ބުނާ މިނިވަން ފިކުރަކީ ކޮބާ، މިނިވަން ފިކުރަކީ ހެއްދެވިހާ ނުބައި ކަމެއް ކުރުންތަ ނޫނީ އެކަންކަމަށް ހިތްވަރު ދިނުންތަ ، ދެން ތިޔަ ބުނާ މިނިވަން ފިކުރުގެ މީހުންނަށް އެހެން މީހުން އެއްޗެއް ބުނީމަ އެކަން ބަލައި ނުގަނެވެނީ ކީއްވެބާ، އެވެސް އެމީހުންގެ މިނިވަން ފިކުރޭ ނުބުނެވެނީ ތަ، އަހަރުމެން ނަކީ މިނިވަން ފިކުރުގެ ބައެއް ނޫން ، ހެވެއް ވިއަސް އަދި ނުބައެއްވިއަސް އެކަން ކަނޑައަޅަނީ އަހަރުމެންނެއް ނޫން، އަހަރުމެން ނަށް އޮތީ އަޑު އަހާ ކިޔަމަން ވުން

    17
    2
  4. ހޮނޑައިދޫ

    ތީވެސްހަމަ އެމިނިވަން ޚިޔާލުގެ މީހެއް ކީއްވެބާއެހެންބުނަންނުކެރުނީ ނުބުންޔަސް ހޮނޑައިދޫން އެކަންއެބައެނގޭ

    16
    1
  5. ޖާއްބެ

    ޖާބިރަށް އަޅުގަނޑުމެން ކުރި އިތުބާރު ގެއްލިއްޖެ

    8
    1
  6. މޯދީ

    އެޖެންޑާ 19ގަ އޮތްގޮތަށް 2022ގަ ސެކިއުލަރ ގައުމަކަށް ހަދަން އެވައްތަރުގެ ކަނބަލުންނާއި ބޭކަލުން އެއްމެ މަތީ ކޯޓަށް ވައްދާ ނިމެނީ!

    8
    1
  7. ލީލް

    ޥަރަށް ބޮޑާ ކިބުރުވެރި އަންހެނެއް.

    4
    1