އިންޑިއާ ސަރަހައްދަށް ވަދެ މަލިކުކައިރިން މަސްވެރިކަން ކުރި ރާއްޖޭގެ ދޯނި "އަންބަރީ"އަށް އުޅަނދަށް އިދާރީގޮތުން ފިޔަވަޅުއެޅުމަށް ނިންމައި އުޅަނދުގެ ވެރިފަރާތް 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

އެ ދޯނީގެ ވެރި ފަރާތް ޖޫރިމަނާކޮށްފައިވާއިރު، އިންޑިއާއިން އެ ދޯނީ ދޫކޮށްލީ ފޮރިން މިނިސްޓްރީ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާ ދެމެދު ކުރި މަޝްވަރާތަކަށް ފަހުގައެވެ.

ފިޝަރީޒް މިސްޓްރީން މިއަދު ވިދާޅުވީ، މަސްވެރިކަން ކުރުމަށް މިހާރު ދޫކުރަމުންދާ ލައިސަންސްގެ ދަށުން ދޮށީގެ މަސްވެރިކަމުގައާއި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެއްވެސް އުޅަނދެއް ދިވެހިރާއްޖޭގެ ކަނޑުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޭރުގައި ހަރަކާތްތެރިވުމަކީ ލައިސަންސްގެ ޝަރުޠުތަކުގެ ދަށުން މަނާކަމެއް ކަމަށެވެ.

އަދި ޚާއްޞަކޮށް ހުއްދަނެތި އެހެންގައުމެއްގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަންކުރުމަކީ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ލޯ އޮފް ދަ ސީ އާއި، ދިވެހިރާއްޖޭއިން ތަސްދީޤްކޮށްފައިވާ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި، މުއާޙަދާތަކާއި، ޤަރާރުތަކާއި ޚިލާފު ކަމެއް ކަމަށްވެސް މިނިސްޓްރީން މިއަދު ވިދާޅުވިއެވެ.

އަދި މިއީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއް އަދި ރިޕޯޓްކުރުމެއްނެތި ކުރާ (އައި.ޔޫ.ޔޫ) މަސްވެރިކަމުގެ އެންމެ މަތީފަންތީގެ ކުށުގެތެރޭގައި ހިމެނޭ ކުށެއްކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން އިތުރަށް ވިދާޅުވިގޮތުގައި، މިފަދަ އަމަލުތަކަކީ އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއިމެދު މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު ކިލަނބުވެ، މުޅި ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރެއް ކޮށްފާނެކަމެކެވެ. އަދި މިފަދަ ޤާނޫނާއި ޚިލާފު އަމަލުތަކަކީ އުޅަނދު ބައިނަލްއަޤްވާމީގޮތުން [ބްލެކްލިސްޓް] ކުރުން ފަދަ ފިޔަވަޅެއް އެޅުމުގެ ފުރުޞަތު އޮތްކަމަކަށް ވުމާއެކު، މިއީ އުޅަނދުގެ ވެރިފަރާތަށް ނުވަތަ އޮޕަރޭޓްކުރާ ފަރާތަކަށް އެކަމުގެ ސަބަބުން ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެކަމެެއް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ، ދިވެހި މަސްވެރި އުޅަނދުފަހަރު ޤާނޫނާއި، ޤަވާއިދާ ޚިލާފަށް މިފަދަ އަމަލުތައް ނުހިންގުމަށް އަދި މިފަދަ ކަންކަމާއިމެދު އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.