ސިންމެތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާން މަރުގެ މައްސަލާގައި ދާއުދައުލަ ދައުވާ ކޮށްފައިވާ ޑަބްލިޔޫ ކޮންސްޓްރަކްޝަންގެ ވެރިޔާ އާދަމް ޝަފީގު, އެ މައްސައާ ގުޅިގެން ޖިނާއީ އެއްވެސް މަަސްއޫލިއްޔަތެއް އުފުލަން ނުޖެހޭ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އަމިއްލައަށް އިސްނަގައިގެން، އެއްވެސް ފަރާތަކުން ނުބުނަނީސް ވިންޗު ކޮންޓްރޯލް ކުރަން ހަވާލުވި ބިދޭސީ މީހާ، ރައްޖާބް އަލީ 6 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ ޙުކުމް އިއްވުމުގައެވެ.

ދަޢުލަތުގެ ފަރާތުން އެ މައްސަލައިގައި މީހުންނަށް ދަޢުވާ ކޮށްފައިވާ ގޮތަށް ބަލާއިރު ޑަބްލިއު ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށްވާ ރައްޖާވް ޢަލީގެ މައްޗަށް ކޮށްފައިވަނީ މީހަކު މަރުވެދިޔުމުގައި ފަރުވާ ކުޑަ ޢަމަލެއް ކުރުމުގެ ދަޢުވާއެވެ. އެ ކުންފުނީގެ ބިދޭސީ މަސައްކަތްތެރިއެއް ކަމަށްވާ މުތުމަނި ރަމަޗަންދުރަންގެ މައްޗަށް ކޮށްފައިވަނީ މީހަކު މަރުވެދިޔުމުގައި ފަރުވާ ކުޑަ ޢަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދަޢުވާ އެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، އާދަމް ޝަފީގު އާއި ސައިޓް ސުޕަވައިޒަރަކަށް ހުރި މޫސާ ހަސަންގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ މީހަކު މަރުވެދިޔުމުގެ އިހުމާލުގެ ޢަމަލެއް ކުރުމުގެ ދަޢުވާއެވެ. އެ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ 2 މަސައްކަތްތެރިން ކަމަށްވާ ކެޝަރިވަލް ޗައުހާން އާއި ގުލަމް މުހައްމަދުގެ މައްޗަށް ކޮށްފައިވަނީ ކުރިމަތިވެދާނެ ކަމަށް އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ދަޢުވާއެވެ.

އެ މައްސަލައިގައި ޝަރީޢަތަށް ފާހަގަވެފައިވާ ކަންތައްތައް ފާހަގަކުރައްވަމުން މައްސަލަ ބައްލަވާ ޤާޒީ ވިދާޅުވީ މ. ނަލަހިޔާ މަންޒިލްގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ޢިމާރާތެއް ހެދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، 16 ޑިސެމްބަރު 2018 ވަނަ ދުވަހު، 10 ޖެހިއިރު އެ މަސައްކަތުގައި ބޭނުންކުރާ ސިމެންތި ބަސްތާތައް ސަވާޖީއެއްގައި ވިންޗު އޮޕަރޭޓް ކުރަން ހަވާލުވެ ހުންނަ ބިދޭސީއެއް ކަމަށްވާ މުހައްމަދު އަންވަރު، އޭނާގެ ސައި ގަޑިއަށް 30 މިނެޓުގެ ބްރޭކަކަށް ދިޔަ ކަމަށާއި، އަދި 10:30 ވީއިރު، ރައްޖާވް ޢަލީ އަމިއްލަ އިސްނެގުމަކަށް، އޭނާއާ ހަވާލުވެސް ނުކުރާ މަސައްކަތެއް، އެއްވެސް ފަރާތަކުން ބުނުމަކާ ނުލައި މަސައްކަތް ކުރަން އުޅުނު ކަމަށް ފާހަގަވާ ކަމަށް ޤާޒީ ވިދާޅުވިއެވެ.

އަދި އޭނާ އަށް އެހީތެރިވާން މުތުމަނި ވަނީ 9 ވަނަ ފަންގިފިލާއިން، މަސައްކަތް ކުރިއަށްދާ 10 ވަނަ ފަންގިފިލާއަށް ސިމެންތި ބަސްތާތައް އުފުލުމުގައި ޙަރަކާތްތެރިވެފަ ކަމަށާއި، އޭރު ޢިމާރާތުގެ ތިރީގައި ތިބި އެ ކުންފުނީގެ 2 ބިދޭސީ މަސައްކަތްތެރިން ކަމަށްވާ ކެޝަރިވަލް އާއި ގުލާމް ވެސް ސިމެންތި ބަސްތާ އުފުލުމުގައި ބައިވެރިވުން އޮތްކަން އެނގޭ ކަމަށް ފާހަގަކުރިއެވެ.

އެ މަސައްކަތް ކުރިއަށް ދިޔައިރު ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށް ގެންދިޔުމުގައި ޢަމަލު ކުރަމުންދާ އުސޫލެއްގެ ދަށުން ކަތިބިތްގަނޑެއް ޖަހާފައި ވިއަސް، އެ ހުރީ މަގާއި ވާ ދިމާލަށް ކަން އެނގޭ ކަމަށާއި، އަދި އެ ސައިޓު ހުރި ސަރަޙައްދުން ހިނގާ ބިގާވެ އުޅޭ ފަރާތްތަކަށް އިންޒާރު ދޭން ހުރީ، ކުޑަ އެންމެ ބޯޑެއް ކަމަށް މައްސަލައިގައި ހުށަހަޅާފައިވާ ހެކި، ޤަރީނާއިން އެނގޭ ކަމަށް ޤާޒީ ވިދާޅުވިއެވެ.

އެދުވަހުގެ 10:34 ވީ އިރު ވިންޗު ލައިނަށް މާ ބޮޑަށް ދޫވެގެން ވެއްޓުނު ސިމެންތި ބަސްތާއަކުން މަގުމައްޗަށް ވެއްޓުނު ބަސްތާއެއްގައި، ފަރީދީމަގުން ހިނގާފައި ދިޔަ ބިދޭސީ ކުޑަ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާންގެ ކަނދުރާގައި ޖެހި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައިވާ ކަން ސާބިތުވާ ކަމަށް ޤާޒީ ވިދާޅުވިއެވެ.

ރައުޝަން ޖިއާންގެ މަރުގެ މައްސަލައަށް ފައިސަލާ ކުރަން ދަޢުލަތުން ހުށަހަޅާފައިވާ ގިނަ ޝަފަޙީ އަދި ކިތާބީ ހެއްކަކަށް ޤާޒީ ރިއާޔަތް ކުރައްވާފައިވެއެވެ. އެގޮތުން މަރުވި ރައުޝަން ޖިއާންގެ މަންމަ އާއި ބައްޕަގެ ހެކިބަހަށާއި، އޭނާގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރުގެ ހެކިބަހަށާއި، ޕްލޭނިންގ މިނިސްޓްރީއިން އެ މައްސަލައިގައި ތައްޔާރުކުރި އިންސިޑެންޓް ރިޕޯޓަށާއި، މައްސަލައިގެ ތަހުގީގަށް ފުލުހުން ތައްޔާރުކުރި ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓަށާއި، ފިޒިކަލް އިމްޕެކްޓް ރިޕޯޓުގެ އިތުރުން ސީސީޓީވީ ފޫޓޭޖަށްވެސް ވަނީ ބައްލަވާފައެވެ.

އެމައްސަލާގައި ހިމެނޭ މުތުމަނި ރާމް ޗަންދްރަން އަށް އިއްވީ 3 އަހަރާއި، 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާގެ މައްޗަށް އެ ޙުކުމް އިއްވީ ވިންޗު އޮޕަރޭޓު ކުރުމުގައި އެ މަސައްކަތް މީގެ ކުރިން ނުވެސް ކުރާ މީހަކާ އެކު މަސައްކަތުގައި އޭނާ ބައިވެރިވެފައިވާ ކަން ޝަރީޢަތަށް ސާބިތުވުމާ ގުޅިގެންނެވެ. އަދި އެއީ މީހަކު މަރުވެދިޔުމުގައި ފަރުވާ ކުޑަ ޢަމަލެއް ކުރުމަށް ބައިވެރިވުން ކަމަށް ސާބިތުވެފައިވާތީ ކަމަށް ޤާޒީ ވިދާޅުވިއެވެ.

ކެޝަރިވަލް ޗައުހާން އާއި ގުލަމް މުހައްމަދުގެ މައްޗަށް ވެސް ދަޢުވާ ވަނީ ސާބިތުވެފައެވެ. އެމީހުންނަކީ އެ ގަޑީގައި ޢިމާރާތް ކުރަމުންދިޔަ ސައިޓުގެ ތިރީގައި ތިބި ބައެކެވެ. އެމީހުންގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ކުރިމަތިވެދާނެ ގެއްލުމަކަށް އިންޒާރު ދިނުމަށް އެމީހުން އެއްވެސް މަސައްކަތެއް ނުކުރުމުގެ ސަބަބުންނެވެ. އެމީހުންގެ މައްޗަށް ދަޢުވާ ސާބިތުވުމާއި ގުޅިގެން އެމީހުންގެ މައްޗަށް އަންނާނީ 1 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެކެވެ.

ނަމަވެސް ޤާނޫނު އުޤޫބާތުގެ 1105 ވަނަ މާއްދާއިން ޤާޒީއަށް ލިބިދޭ ޙާއްސަ އިހްތިޔާރުގެ ދަށުން، އެ މައްސަލައިގައި ދިފާޢީ ވަކީލު، ހުސައިން ޝަމީމް އެމީހުންގެ ޖަލު ޙުކުމް ލުއިކޮށްދީ، ޖޫރިމަނާ އަކަށް ބަދަލްކޮށްދިނުމަށް އެދިފައިވާތީއާއި، ދަޢުލަތުގެ ވަކީލާއިން އެކަމަށް އިޢުތިރާޒް ކޮށްފައި ނުވާތީ، ޤާޒީ ވަނީ ކޮންމެ މީހަކު 7200 ރުފިޔާއިން ޖޫރިމަނާކޮށް، އަދި އެ ފައިސާ 1 މަސް ދުވަސް ތެރޭގައި މީރާ އަށް ދެއްކުމަށް ޙުކުމް އިއްވާފައެވެ.

ޑަބްލިއު ކޮންސްޓްރަކްޝަން ގެ ސައިޓު ސުޕަވައިޒަރަކަށް ހުރި މޫސާ ހަސަންގެ މައްޗަށް މައްސަލަ ސާބިތުވެ، 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެއް އައި ކަމަށް ވިއަސް، ޤާނޫނު އުޤޫބާތުގެ 1105 ވަނަ މާއްދާއިން ޤާޒީއަށް ލިބިދޭ ޙާއްސަ އިހްތިޔާރުގެ ދަށުން، އެ މައްސަލައިގައި އޭނާގެ ދިފާޢީ ވަކީލު، ހުސައިން ޝަމީމް އޭނާގެ ޖަލު ޙުކުމް ލުއިކޮށްދީ، ޖޫރިމަނާ އަކަށް ބަދަލްކޮށްދިނުމަށް އެދިފައިވާތީއާއި، ދަޢުލަތުގެ ވަކީލާއިން އެކަމަށް އިޢުތިރާޒް ކޮށްފައި ނުވާތީ، ޤާޒީ ވަނީ މޫސާ ހަސަން 115،200 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ 1 މަސް ދުވަސް ތެރޭގައި މީރާ އަށް ދެއްކުމަށް ޙުކުމް އިއްވާފައެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރު، އާދަމް ޝަފީގު ވަނީ އެ މައްސަލައިގައި ޙުކުމެއް ނައިސް ސަލާމަތްވެފައެވެ. އޭނާއަކީ މ. ނަލަހިޔާ މަންޒިލްގެ މަސައްކަތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރި ފަރާތް ކަމަށް ވިއަސް، އަދި ރައްކާތެރި ކަމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ނަގަން ޖެހޭ ފަރާތް ކަމަށް ވިއަސް، އޭނާ އަކީ އެ ހިނގި ހާދިސާ ހިނގުމުގައި ޒިންމާވާން ޖެހޭ ފަރާތަކަށް ނުވާ ކަމަށް ޝަރީޢަތުން ވަނީ ކަނޑައަޅާފައެވެ.

ޤާޒީ ޙުކުމް ކުރެއްވުމުގައި ފާހަގަކުރެއްވި ކަންތައްތަކަށް ބަލާއިރު، ޝަފީގު އަކީ ހަމައެކަނި ކުންފުނީގެ ފަރާތުން އެ ޢިމާރާތުގެ އެއްބަސްވުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ އިތުރަށް އެއްވެސް ގޮތަކަށް ޢަމަލީ މަސައްކަތެއް ކުރަން ނުޖެހޭ ފަރާތެއް ކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ޖިނާޢީގޮތުން އޭނާ މަސްއޫލިއްޔަތު އަދާކުރަން ނުޖެހޭ ކަމަށް ޤާޒީ ކަނޑައެޅިއެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ޑަބްލިއު ކޮންސްޓްރަކްޝަން ގެ ފަަރާތުން އިމާރާތް ކުރަމުން ދިޔަ ތަނަކުން މަގު މައްޗަށް ވެއްޓުނު ސިމެންތި ބަސްތާ އެއް ގައި ޖެހި ބަންގްލަދޭޝްގެ އެންމެ 8 އަހަރުގެ ކުޑަ ކުއްޖެއް ކަމަށްވާ ޖިއާން މަރުވި މައްސަލަ އަކީ މުޅި ރާއްޖެ ސިއްސުވާލި ހިތާމަވެރި ހާދިސާ އެކެވެ.

އެ ހާދިސާ އަށް ފަހުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގެ އެންޑް އިންފުރާސްޓްކްޗަރއިންވަނީ އިމާރަތްކުރުމުގައި އަޅަންޖެހޭ ސަލާމަތާއި، ކޮންޓްރެކްޓަރުގެ އާންމު ޒިންމަތަކާއި، އިމާރާތުގެ ވެރިފަރާތުގެ ޒިންމާތަކާއި ދެވޭ އަދަބުތަކާއި ޖޫރިމަނާތައް ބަޔާންކޮށް ޤަވާއިދެއް އެކުލަވާލާފައެވެ. މި ޤަވާއިދު ޖެނުއަރީ މަހުގައި ވަނީ ގެޒެޓް ކޮށްފަ އެވެ.