ކުރީގެ ސަރުކާރުގެ ވަޒީރުކަންވެސް ކުރެއްވި އެ ސަރުކާރުގެ ދެވަނަ ނައިބް ރައީސް، އަހުމަދު އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އެމަނިކުފާނުގެ މައްޗަށް އިއްވޭނީ 20 އަހަރުގެ ޖަލު ހުކުމެއް ކަމަށް އެއްބަސްވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި މިއަދު ކަމާ ބެހޭ އިދާރާތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލުމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ފުލުހުންނާއެކު އަދީބު ވެފައިވާ އެއްބަސްވުމުގައި އެމަނިކުފާނުގެ އަތުގައި ހުރި މައްސަލައާ ގުޅުންހުރި ހުރިހާ ހެއްކާއި ގަރީނާތައް ފުލުހުންނާ ހަވާލުކުރުމަށް އެއްބަސްވެފައިވެއެވެ. އަދި އަދީބްގެ ކިބައިން އެދިއްޖެ ހާލަތެއްގައި ދައުލަތުން ބޭނުންވާ ހުރިހާ މައުލޫމާތެއް ތެދުބަހުން ކިޔައިދެންޖެހޭނެ ގޮތަށް އެއްބަސްވެފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

އޭގަ ބަދަލުގައި ދައުލަތުގެ ފަރާތުން ދޭނެ ލުއިތަކެއްވެސް އެއްބަސްވުމުގައިވާކަމަށް ރިޔާޒު ވިދާޅުވިއެވެ. އެގޮތުން އެއްބަސްވުމުގަިއވާ ގޮތުން މީގެކުރިން އަދީބުގެ މައްޗަށް ތުހުމަތު ކުރެވުނު ރަށްތަކާއި ގުޅޭގޮތުން އުފުލިފައި ހުރި ދައުވާތައް އަލުން މުރާޖާ ކުރުމަށްފަހު އެދައުވާތަކާއި، ގުޅިގެން މހާރު ކޯޓަށް ހުށަހެޅިފައިވާ 7 ދައުވާގެ ގޮތުގައި ދައުވާ ކުރުމާއި އަދީބުގެ މައްޗަށް އެދައުވާތަކާ ގުޅިގެން އަންނާނެ ހުކުމެއްގެ އަދަބަކީ 20 އަހަރުގެ ގޮތުގައި އެއްބަސްވެވިފައިވާކަމަށް ވިދާޅުވިއެވެ

އަދީބގެ މައްޗަށް ތުހުމަތު ކުރެވިގެން ތަހުގީގު ކުރެވެމުންދިޔަ މައްސަލާގައި ކުށަށް އިއުތިރާފުވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށް އަދާކުރެއްވި ދައުލަތުގެ މަޤަމުތަކުގައި ހުންނެވި މުއްދަތުގައި އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވިފައިހުރި ހުރިހާ މައްސަލަތަކެއް ހިމެނޭގޮތަށް އެމައްސަލަތަކުގައި ތަހުގީގަށް އެއްބަރުލުން ދިނުމަށް ވެވުނު އެއްބަސްވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބްރާހިމް

    ދައުލަތުން އިބިލީހާއިއެކު އެގްރިމެންޓް ކުރީއެވެ. އިބިލީސް ތެދެއްހަދާނެތޯއެވެ؟. އިބިލީސް މިފަހަރު ވާހަކަ ދައްކާނީ ސަރުކާރު ބޭނުންވާ ގޮތަށެވެ ސަރުކާރު ބޭނުންވާ އެންމެން ކުއްވެރި ކުރާނެ.

    38
    2
  2. ޝަރފު

    ޝަރުޢީ ނިޒާމު މިނިވަންވެ ޝަރީޢަތެއްނެތި ޙުކުމް އެގޭމިންވަރު ދައުލތުގެ ފަރާތުން ހާމަކޮށްދިން ކަމަށްޓަކައި ޝުކުރުވެރި ވަމެވެ. މީ ޒީރޯ ޓޮލަރެންސް ކަމަށްވާނަމަ އިންސާފު އޮންނާނީ ކެނެރީގޭ ސިޓިންރޫމުގައި ދަތް ވެރިފައެވެ.

    11
  3. ފާއިޒު

    ޔާމީނާ އެކު އެއްބަސްވުމަކަށް ނައީ ކީއްވެ