މާލޭގައި ހިނގި މާރާމާރީއެއްގައި މަރުވި ކުޑަކުއްޖެއްގެ މަރުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ގެއްލިފައިވާ މީހުންނާއި މަރުތަކާ ބެހޭ ކޮމިޝަނުން އިއުލާންކޮށްފިއެވެ.

ފޮޓޯއާއެކު އެކޮމިޝަނުން އާންމުކޮށްފައިވަނީ މ. ކުރިރުއްގޭ، އިރުފާން ރުޝްދީ ހޯދުމަށެވެ. "ވަގުތު" އަށް މައުލުމާތު ލިބިފައިވާ ގޮތުގައި އޭނާ ހޯދަމުން ދަނީ 2016 ވަނަ އަހަރުގެ ޖޫން މަހު މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ވަޅިން ހަމަލާދީ މަރާލި 14 އަހަރުގެ ފާތިރު މުހައްމަދު އަލީގެ މަރުގެ މައްސަލައިގައެވެ.

ފާތިރު މަރާލާފައިވަނީ 2016 ވަނަ އަހަރުގެ ހަމަ ޖޫން މަސް ތެރޭގައެވެ. ފުލުހުން އޭރު ނޫސްވެރިންނަށް މައުލުމާތު ދިން ގޮތުގައި އޭނާ މަރާލީ އޭނާ ދިރިއުޅޭ ގެއަށް ވަދެ އެވެ. އެފަހަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާތިރަށް ހަމަލާދޭ ވީޑިއޯވެސް ފުލުހުން ވަނީ ނޫސްވެރިންނަށް ދައްކާފައެވެ.

ސީސީޓިވީ ފުޓޭޖުން ފެނުނު ގޮތުގައި ފާތިރު އައިސް އެގޭ ދޮރޯށި ހުޅުވައިލާއިރަށް ދެ މީހަކު ވަދެގަނެ، އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައެވެ. އަދި ހަމަލާދިނުމުން ފާތިރު އެ ގޭތެރެއަށް ސިޑިން އަރަން މަސައްކަތްކުރުމުން ސިޑިމަތިންވެސް އެކުދިން އޭނާއަށް ހަމަލާދިނެވެ.

އެ މައްސަލާގައި އިރުފާން ރުޝްދީ ހޯދުމަށް އެ އަހަރު ފުލުހުން އިއުލާންވެސް ކުރިއެވެ.