ރާއްޖެއާ ދުރުން އަރަބި ކަނޑުގައި ތޫފާނެއް އުފެދި އިތުރަށް ބާރުގަދަ ވަމުން އަންނަ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް) އިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ، ރާއްޖެއާ ދުރުން އަރަބި ކަނޑުގެ މެދުން އިރުމަތީގައި އުފެދުނު ކޮޅިގަނޑު މިހާރު އުތުރަށް ދަތުރުކޮށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވެފައި ވާ ކަމަށެވެ.
މި ތޫފާނުގެ ނަމަކީ "ކިޔާރު" އެވެ.
މެޓް އޮފީހުން ވިދާޅުވި ގޮތުގައި، މި ތޫފާނުގެ އެވްރެޖް ވައިގެ ބާރުމިން ގަޑިއަކު 43 މޭލާއި 50 މޭލު ހުންނާނެ ކަނަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ މި ތޫފާނު ބާރުގަދަ ތޫފާނަކަށް ބަދަލުވެ، ހުޅަނގުހުޅަނގު އުތުރަށް ދަތުރު ކުރަމުން ދާނެ ކަމަށް މެޓް އޮފީހުން ވިދާޅުވި އެވެ.
"މި ތޫފާނު ދަތުރުކުރަމުންދާނީ ރާއްޖެ އާއި ދުރަށް އަދި މީގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭ". މެޓް އޮފީހުން ވިދާޅުވި އެވެ.
އަދި މިހާރު ރާއްޖެއަށް ވިއްސާރަ ކުރަމުން ދަނީ މި ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން ކަމަށް މެޓް އޮފީހުން ވިދާޅުވި އެވެ.