ރާއްޖޭގައި ދޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް އެ ދާއިރާ ކުރިއެރުވުމަށްޓަކައި ޤާނޫނެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ދޭ މަތީ ތަޢުލީމްގެ ފެންވަރު ރަނގަޅުކޮށް އެ ދާއިރާ ކުރިއެރުވުމަށްޓަކައި ޤާނޫނެއް ހެދިއްޖެ ނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޮރިޓީ (އެމްކިއުއޭ) އަށް ޤާނޫނީ ބާރުވެރިކަމެއް ލިބިގެންދާނޭ ކަމުގައެވެ. އަދި މަތީ ތަޢުލީމްގެ ނިޒާމް ވަރުގަދަކޮށް ހަރުދަނާކުރުމަށް މިފަދަ ޤާނޫނެއް އެކުލަވާލުމަކީ މުހިންމެ ކަމެއްގެ ގޮތުގައި ވެސް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މި ޤާނޫނުގައި އަމިއްލަ ޔުނިވަރިސިޓީތަކާއި ކޮލެޖުތައް އުފެއްދޭނެ ގޮތުގެ ތަފްސީލްތައްވެސް ހިމަނާނޭ ކަމަށާއި މި ޤާނޫނުގެ ސަބަބުން މަތީ ތަޢުލީމްގެ ހަމަހަމަ ފުރުޞަތުތައް ފޯރުކޮށް ދިނުމަށް މުހިއްމު ދަޢުރެއް އަދާކުރާނެކަމަށެވެ.

އަދި މިޤާނޫނު ތަކުގެ ތެރޭގައި ތަޢުލީމާއި ތަމްރީނު ހާޞިލު ކުރަން ލިބޭ ފުރުޞަތުތަކުގެ ބޭނުން ނުހިފައި ދޫކޮށްލާ ދަރިވަރުންނާމެދު އަމަލު ކުރާނެ އުސޫލެއްވެސް ކަނޑައަޅާފައި ވާކަމަށާއި މިއުޞޫލްގެ ދަށުން މަތީ ތަޢުލީމްގެ ފުރުޞަތުތައް ލިބޭ ދަރިވަރުން އެފުރުޞަތު ދޫކޮށްލައިފިނަމަ ވަކި މުއްދަތެއްވަންދެން އެފަދަ ފުރުޞަތުތަކުން މަޙްރޫމް ކުރުމާއި، އެ ތަޢުލީމީ ފުރުޞަތެއް ދިނުމަށް އެ ދަރިވަރަކަށް ނުވަތަ ޔުނިވަރސިޓީއަށް މިނިސްޓްރީން ދިން ފައިސާ އަނބުރާ ދެއްކުން ހިމެނޭނޭ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

މި ސަރުކާރުގެ ސަތޭކަ ދުވަހުގެ ތެރޭގައި ފުއްދަން ވައުދު ވެފައިވާ ހިލޭ ފުރަތަމަ ޑިގްރީއާއި ހިސާބަށް ސަރުކާރުގެ އެހީތެރިކަމާއި އެކު ކިޔެވުމުގެ ފުރުސަތު ވަނީ ކޮންމެ ރައްޔިތަކަށްވެސް ފަހިކޮށްދީފައެވެ. އަދި ހަމަ މިޔާއި އެކު މިނިސްޓްރީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރައްވަމުންނެވެ.