އައްޑޫގައި ތެލެސީމިއާ ސޮސައިޓީގެ ނަމުގައި ޖަމިއްޔާއެއް އިފުތިތާހުކޮށްފިއެވެ.

ތެލެސީމިއާ ބައްޔަށް ހޭލުންތެރިކަން އުފެއްދުމާއި އެ ބަލީގެ މީހުންނަށް އެހީވުމުގެ ގޮތުން އުފެއްދި މި ޖަމިއްޔާ އިފްތިތާހު ކުރީ ބުރާސްފަތި ދުވަހުގެ ރޭ މަރަދޫ ބޮޑަގޭގައި ބޭއްވި ޖަލްސާއެއްގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗެއާޕާސަން ޖީހާން ސަލީމެވެ.

އެ ޖަމިއްޔާ އިފުތިތާހުކުރަން ބޭއްވި ޖަލްސާގައި އެ ޖަމިއްޔާގެ ރައީސް އަހުމަދު ޝަރީފް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ޖަމިއްޔާ މަސައްކަތްކުރާނީ ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ނެޝަނަލް ތެލެސީމިއާ ސެންޓަރުގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ހޯދައިގެން ކަމަށެވެ. އެގޮތުން ޖަމިއްޔާގެ އެންމެ ބޮޑު އަމާޒަކީ ތެލެސީމިއާ ބައްޔަށް ހޭލުންތެރިކަން އުފެއްދުމާއި އެ ބައްޔާ ގުޅުން ހުރި މަސައްކަތްތަކެއް ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ އައްޑޫގައި މި ވަގުތު ތެލެސީމިއާ ބަލީގެ މީހުން ތިބި އަދަދާއި އެ މީހުންގެ އެހެނިހެން ރެކޯޑްތައް ސާފުވެފައިނުވާތީ ވަރަށް ބޮޑު އިސްކަމެއް ދީގެން ތެލަސީމިއާ ކުދިންގެ ދަފުތަރެއް އެކުލަވާލައި، މިހާރަށް ވުރެ ހަރުދަނާކޮށް ފަރުވާގެ ކަންކަން އިންތިޒާމުކުރުމަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ.

މި ޖަމިއްޔާއާއި، ފޭދޫގައި ހިންގާ އައްޑޫ ކްލިނިކް އައްޑޫ މެޑި ސިޓީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ. އޭގެ ދަށުން ތެލެސީމިއާ ކުދިންގެ އެކިއެކި ޓެސްޓްތައް ރާއްޖެ އާއި ރާއްޖޭން ބޭރުން ހެދޭނެ އިންތިޒާމާއި ތެލަސީމިއާ ބައްޔަށް ހާއްސަ ޔުނިޓެއް ކްލިނިކްގައި ގާއިމުކުރުމާއި އެ ބަލީގެ ޑޮކްޓަރުންގެ އެހީތެރިކަން ފޯރުކޮށް ދިނުމާއި މެޑި ސިޓީގެ ހިދުމަތްތައް ފަސޭހަ އަދި އަވަހަށް ތެލެސީމިއާ ކުދިންނަށް ލިބޭނެ ފުރުސަތު ފަހިކޮށް ދިނުމާއި ލޭ އަޅަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށް ކުރަން ޖެހޭ ދަތުރުތައް މެޑި ސިޓީން ހަމަޖައްސައިދިނުން ހިމެނެއެވެ.

އައްޑޫ ތެލަސީމިޔާ ސޮސައިޓީއިން ބުނީ އެސޮސައިޓީއަކީ ހަމައެކަނި އެ ބަލީގެ މައްސަލަތަކަށް މަސައްކަތްކުރާނެ ޖަމިއްޔާއެއް ނޫން ކަމަށެވެ.