ދިވެހިންގެ ފަރާތުން ސީރިޔާގެ ހާލުގައި ޖެހިފައިވާ 30 ހާސް މީހުނަށް އެއް އިރުގެ ކެއުން ފޯރުކޮށްދީފިއެވެ.

އެގޮތުން ދާދިފަހުން ކެމިކަލް ޙަމަލާއެއްވެސް އަމާޒުވެފައިވާ ސީރިޔާގެ އޫތާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ، "އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން" އިން އިސްނަގައިގެން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ބޭއްވި ކެމްޕޭނެއް ފެށިއިރު، އެ ކެމްޕޭނުގެ ފަންޑަށް ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އެހީ ދީފައެވެ.

ދިވެހިންގެ ބޮޑު ތަރުޚީބެއް ލިބިގެންދިޔަ މި ފަންޑަށް ފައިސާ ހޯދުމަށް ގިނަ ހަރަކާތްތައް ކުރިއަށްގެންގޮސްފައި ވާއިރު، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ވަނީ، މަސައްކަތު ދުވަހާއި ޖަމްބަލް ސޭލް އާއި މަހަށް ދިއުމާއި ބޯވަ ނެގުމާއި ހެދިކާ ވިއްކުން ފަދަ ޙަރަކާތްތައް ހިންގާފައެވެ.

މި ފަންޑަށް 1.3 މިލިއަނަށްވުރެ ގިނަ ރުފފިޔާ އެހީގެ ގޮތުގައި ލިބިފައިވެއެވެ. މި ފައިސާ ހާލުގައި ޖެހިފައިވާ މީހުނަށް ފޯރުކޮށްދިނުމަށް ސީރިޔާ މީހުނަށް އެހީތެރިވެދޭ ތުރުކީގެ ޖަމިއްޔާއެއް ކަމަށްވާ އީ.ހާ.ހާއާ އާއި ވަނީ ޙަވާލުކޮށްފައެވެ. އެ ޖަމިއްޔާއިން މި ފައިސާ ޚަރަދުކޮށްފައިވަނީ، ކެއިން ބުއިމަށް ދަތިވެ ބަނޑުހައި ހޫނުކަންމަތީ ދިރިއުޅެމުންދާ ސީރިޔާގެ ނިކަމެތި ރައްޔިތުންނަށް ކާން ދިނުމަށެވެ.

ސީރިޔާގެ ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ހައްޤުގައި ދިވެހިން އަޑުއުފުލައި އެހީތެރިކަން ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށްވެސް މިސާލު ދައްކާފައިވާއިރު، ސީރިޔާގައި އެޤައުމުގެ ސަރުކާރުން، ޢާންމު ރައްޔިތުންނަށް އެޤައުމުގެ ސަރުކާރުން އަމާޒުކުރަމުންދާ އިންސާނިއްޔަތާއި ޚިލާފު ޢަމަލުތައް ދިވެހިރާއްޖެއިން ވަނީ ކުއްވެރިކޮށްފައެވެ.

އިރުމަތީ ޣޫތާ ހިފުމަށް ސީރިއާ ސަރުކާރުން ފެބްރުއަރީ މަހު ދޭން ފެށި ވަރުގަދަ ހަމަލާތަކުގައި 1،600 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޔޔ

    ﷲ އަށް ޝުކުރު ކުރަން..އެއްފަހަރުނަމަވެސް އެހީތެރިވެދީ ކާއެތިކޮޅެއް ފޯރުކޮށް ދިނީތީވެ.

  2. ރަނގަޅުމީހެއް

    މިއީ އަޅުގަނޑަށް އެމެ ކަމުދާ ކަން ސަރުކާރުން މިކުރަނީ. މިހާވަރުން އަޅުގަނޑަށް ފުދޭނެ

  3. އިބްނު ބަތޫތާ

    އެހީ ބެހުނުގޮތުގެ ތަފްސީލް:
    އެހީގެ 30% ރާއްޖޭގައި ތިބޭ އައިސިސްއަށް ތާއީދު ކުރާ ބޮޑުންނަށް.
    40% ސީރީޔާގައި ހަނގުރާމަ ކުރާ ޓެރަރިސްޓް ޖަމާއަތްތަކަށް.
    ބާކީ 30% ތުރުކީގެ އެހީދޭ ޖަމާއަތަކާއި ހަވާލުކޮށްފައި،..
    ދިވެހިން މިކަމާ ސަމާލުވާން ވެއްޖެ..

    • ހާލިދު

      ކަލޭ ދޯ ބައި އަޅާ ހުރިހާ ގްރޫޕްތަކަށް ބެހީ؟ އެހެންވެދޯ ތިހާވަރަށް ތި އެނގެނީ؟ ހަހަހަހހަހަ

  4. ވާނުވާ

    އަލްހަމްދުލިއްލާހި

  5. Anonymous

    ސީރިއާ ސަރުކާރު ވަރަށް ގޯސް، އެހެންވެ މުޅި ދުނިޔެއިން އެކި ފާޑުފާޑުގެ ހަނގުރާމަވެރި ޖަމާއަތް ތަކުންނާއި މުސްލިމުންނަށް އެންމެ ހެޔޮ އެދޭ އެމެރިކާ އާއި އިޒްރާއިލުންވެސް ސީރިއާ ސަރުކާރު ސިފައިންނަށް ހަމަލާދެނީ.

  6. މުހައްމަދު

    ސީރިއާ ސަރުކާރު ވަރަށް ގޯސް، އެހެންވެ މުޅި ދުނިޔެއިން އެކި ފާޑުފާޑުގެ ހަނގުރާމަވެރި ޖަމާއަތް ތަކުންނާއި މުސްލިމުންނަށް އެންމެ ހެޔޮ އެދޭ އެމެރިކާ އާއި އިޒްރާއިލުންވެސް ސީރިއާ ސަރުކާރު ސިފައިންނަށް ހަމަލާދެނީ.

  7. އަހަންމަދު

    ސީރިޔާގައި ހިނގަނީ ދާޚިލީ ހަނގުރާމައެއް ފެށުނީ މިހާރު މިރާއްޖޭގަވެސް ފެށުނު ގޮތަށް. ވީމާ ދހެން ކިޔަންވީ ކީކޭބާ؟!

  8. ޙުސައިން

    ބަތޫތާ ހާދަ ހަޔާތްވެސް ކުޑައޭ

  9. ޔަހޫ

    ތިކަމަކީ ސީރިޔާ ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއްނަމަ އަޅުގަނޑު ތާއީދު. ނަމަވެސް ސީރިއާ ސުންނާފަތި ކުރުމަށް އިޒްރޭލް އަޑީގައިއޮވެގެން ހަނގުރާމަ ކުރަމުންދާ ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއްނަމަ އަޅުގަނޑު ތިކަމަކަށް ތާއީދެއް ނުކުރަން. މިދެންނެވީ އެހީއަށް ބޭނުންވާ މީހުންނަށް އެހީ ނުވާށެކޭނޫން. ޓެރަރިސްޓުންނާއި ބައިވެރިނުވެ އެހީތެރިކަން ފޯރުކޮށް ދޭށޭ.