ޓްރާންސްޕޯޓް މިނިސްޓްރީން ޤަބޫލުކުރާ އެހެން ޤައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް، އިތުރު އިމްތިޙާނެއް ހެދުމަކާ ނުލައި ލައިސަންސް ދެވޭނެ އުސޫލު ހަމަޖެއްސުމާއި، އިތުރު އިސްލާހްތައް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެޓަނީ ޖެނެރަލް އޮފީހުގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

އޭޖީ އޮފީހުން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ނަމުގައި ރައީސް އޮފީހަށް މިއަދު ފޮނުވި މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، އެއްގަމު ދަތުރުފަތުރުކުރުމުގެ ނިޒާމުގައި ދުއްވާ އުޅަނދުތައް ދުއްވުމުގައި، އަދި ބޭނުންކުރުމުގައި ހިނގަމުންދާ ނުރައްކާތެރި އަދި ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވައި، މަގުތަކަކީ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން ކަމަށެވެ އަދި އެ ޤާނޫނު ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އެނޫންވެސް އިޞްލާޙުތައް ގެނައުން ކަމަށެވެ.

މިހާރު އެއްގަމު ދަތުރުފަތުރުގެ ގާނޫނު ބުނާގޮތުން ބިދޭސީ ލައިސަންސްއަށް ބިނާކޮށް ރާއްޖޭގެ ލައިސަންސެއް ދޫކުރެވޭނީ ދުއްވަން ބޭނުންވާ ކެޓަގަރީގެ އުޅަނދެއް ދުއްވުމުގެ އިމްތިހާނުން ފާސްވުމުންނެވެ. އޭޖީ އޮފިހުން މަޖިލީހަށް ހުށަހަޅަން ރައީސް އޮފީހަށް މިއަދު ފޮނުވި އިސްލާހުގައި ބުނެފައިވާގޮތުން އެހެން ޤައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް، އިތުރު އިމްތިޙާނެއް ހެދުމަކާ ނުލައި ލައިސަންސް ދެވޭނެ އެވެ.

އެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެންނަން ނިންމި އިތުރު އިސްލާހުތަކަށް ބަލާއިރު، ގަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކާމެދު ޢަމަލުކުރެވޭ އިޖުރާއަތުތައް އިޞްލާޙުކުރުމާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދުތަކާމެދު ޢަމަލުކުރެވޭ އިޖުރާއަތުތައް ކަނޑައެޅުން ހިމެނެއެވެ.

އަދި ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވާ ޙާލަތުގައާއި، އުޅަނދުގެ ރަޖިސްޓަރީ ނަންބަރު ނުވަތަ އިންޖީނު ނަންބަރު ނުވަތަ ޗެސިސް ނަންބަރަށް ބަދަލުގެނެސްގެން އުޅަނދު ދުއްވާ ޙާލަތުގައާއި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވާ ޙާލަތުގައާއި، ލައިސަންސް ނެތި އުޅަނދު ދުއްވާ ޙާލަތުގައި އެފަދަ އުޅަނދުތައް ވަކި މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ އުޞޫލެއް ކަނޑައެޅުން ހިމެނެއެވެ.

އަދި ރައްކާތެރިނޫން ގޮތުގައި ނުވަތަ އުޅަނދުގެ ކޮންޓްރޯލް ގެއްލޭ ގޮތަށް، މީހުންނާއި މުދާ އުފުލުން ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި، މިނިސްޓްރީން ޤަބޫލުކުރާ އެހެން ޤައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް، އިތުރު އިމްތިޙާނެއް ހެދުމަކާ ނުލައި ލައިސަންސް ދެވޭނެ އުސޫލު ހަމަޖެއްސުންވެސް މި އިސްލާހުގައި ހިމަނާފައި ވެއެވެ.

މީގެ އިތުރުން، ތިމާވެއްޓާއި ރައްޓެހިކޮށް ފަރުމާކޮށްފައިހުންނަ ބައިސްކަލުތައް ރަޖިސްޓަރީކުރަންނުޖެހޭ ގޮތަށް ހަމަޖެއްސުމާއި. ޓެކްސީގެ ޚިދުމަތްދިނުމުގެ އުސޫލަށް ބަދަލުގެނައުމާއި، ޕްރައިވެޓް ހަޔަރގެ ޚިދުމަތް ދެވޭގޮތަށް ހަމަޖެއްސުމާއި،ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމާއި، އިންޖީނުލީ އެއްގަމު އުޅަނދުން ނެގޭ ފީތަކާގުޅޭ ތާވަލު އިޞްލާޙުކުރުންވެސް ސަރުކާރުގެ ފަރާތުން އެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަލަ

    މީގެ ހިތާމަޔަކީ ބަންގާޅަކީ ބޭނުންކޮންމެ ލިޔުމެއްލިބިދޭ ތަނެކޭ ކިޔާ... މިހާރުވެސް ނަމާއި އުމުރު ބަދަލްކުރުމަކީ ބަންގާޅުގައި އާންމުކަމެއް...ދިވެހި ލައިސަންސް ޤަބޫލްނުކުރާ ޤައުމުތަކުގެ ރައްޔިތުންނަށް ލައިންސް ދޭންވީ ކީއްކުރަން...

  2. ކުއްޖާ

    މޮޅު ކޮއްފަ ދައްކަން މީ މިހާރުގަ ކުރާ ކަމެއްނޫން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ކުރަމުން އައި ކަމެއް .ނަހުލާ އުޅުއްވަނީ ކްރެޑިޓް ނަގަން. ނަހުލާ ކްރެޑިޓް ނަގަން ދޭބަލަ ސޭޓްކާރިއަށް ވަރަށް ފަސޭހަވާނެ.

    1
    1