ވޭތުވެދިޔަ 7 އަހަރު ތެރޭގައި ރައްޔިތުންނަށް ލިބުނު އެކި ގެއްލުންތުކަށާއި، ނާއިންސާފުން ހިންގާފައިވާ ކަންކަމަށް އިންސާފު ހޯދަން ސަރުކާރުގެ ފަރާތުން އިންތިގާލީ އިންސާފުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ.

މި ބިލަކީ 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރ 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން ހުށައެޅިފައިވާ ބިލެކެވެ.

ސަރުކާރުން ބުނި ގޮތުގައި މިބިލުން ފަރުދުންގެ މެދުގައި ސުލްހަ މަސަލަސްކަން ގާއިމުކޮށް، މުޖުތަމައު އެއްބައިވަންތަކުރުމަށް މަސައްކަތްކުރުމާއި ގައުމުގެ އަމަންއަމާންކަން ދަމަހައްޓައި، މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް އަދުލު އިންސާފަށް ވާސިލުވެވޭނެ މަގު ތަނަވަސްކޮށްދޭނެއެވެ.

މި މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، އިންތިޤާލީ އިންޞާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ޤާއިމުކޮށް، އެ އޮފީހާއި 7 މަސްއޫލިއްޔަތުތައް މަތިކުރުމަށް އެ ބިލުގައި ކަނޑައަޅާފައިވެއެވެ.

އޭގެތެރޭގައި ހިމެނޭ ކަންކަމަކީ ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ޙަޤީޤަތާ ހަމައަށް ވާޞިލުވުމާއި ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިންގުމަށް މެދުވެރިވެފައިވާ ސަބަބުތައް ދެނެގަނެ އެ ޢަމަލުތަކުގެ ޒާތާއި އެކަން ހިނގާފައިވާ ފުޅާމިން ދެނެގަތުމެވެ.

މީގެ އިތުރުން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގަނެފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެނެގަނެ، ޖަވާބުދާރީކުރުވުމާއި އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ ޢަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް އަދި މަދަނީ ދަޢުވާ އުފުލުމަށްޓަކައި ބަންޑާރަނައިބަށް ފޮނުވުމުގެ ބާރު ބިލުން ދީފައިވެއެވެ.

އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަޙްޤީޤުގެ އަލީގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ބަދަލުހޯދައިދީ، އެހީތެރިކަން ފޯރުކޮށްދިނުމާއި ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިޞްލާޙުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން ވެސް ބިލްގައި ހިމަނާފައި ވެއެވެ.

އަދި ކުރިއަށް އޮތް ތާނގައި، އެފަދަ ޢަމަލެއް ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި، ކަމާގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކުރުން ވެސް ބިލްގައި ހިމަނާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އޮޒިލް

  އަހަރެންނަށް އިންސާފް ލިބޭނެކަމަށް އުންމީދުކުރަން

  1
  5
 2. ޑިމީހާ

  ތީ ހަމަ ރައްޔިތުންގެ ޓެކުސް ފައިސާ ފެލުން. ކަލޭމެންގެ އައުއާނުންނަށް ލާރިދޭން ގޮތެއް ހޯދަނީ.

  16
 3. ސާހިލް

  ޑެޕިޔުޓީ ޕްރިންސިޕަލްންގެގޮތުގައި ސުކޫލުތަކުގައި މަސައްކަތްކުރަމުންއައި އެތަކެއް މީހުންގެ މަޤާމު އެމީހުންނަށް މަޖުބޫރުކޮށް ސިޓީލިޔުއްވައިގެން ސިވިލްސާވިސްއަށް ސިއްރުން މިނިސްޓްރީގެ ފޯމަކުން ބަދަލުކޮށް ކުރިންލިބެމުންދިޔަ 2500 ރުފިޔާގެ އެލެވަންސް ކަނޑާލުމަކީ ޔާމީން ދިން އަނިޔާއެކެވެ. އޭގެފަހުން މިވީ 4 އަހަރުގައި ލިބުނު ގެއްލުމުގެ ބަދަލު މަހަކަށް 2500 ރުފިޔާގެ މަގުން ދެންޏާ ތިކަން ޤަބޫލުކުރެވިދާނެއެވެ.

  • އަން

   އެމްޑީޕީ ގުންޑާއިން ނުކުމެ ތިނަދޫ ކޯޓްގަ ހުޅުޖެހީމަ ރައްޔިތުމީހާއަށް ލިބުނު ގެއްލުމުގެ ބަދަލު ދޭނީ ކާކު؟

 4. ހުސޭނުބޭ

  މިއަށްވުރެ އަނިޔާވެރި ސަރުކާރެއް ދުނިޔެއަކުވެސް ނެތް! މި މީހުންނަކީ އަނިޔާ ނުކުރާ ބައެއްކަމަށް ހެދެން ކޮބައި ކެރެންޏާ ތި ބިލުގައި 8 ފެބްރުއަރީގައި ޖެހި ބޮޑު ހުޅުގެ ބަދަލުވެސް ހިމަނާބަލަ!

  17