ލ. ފޮނަދޫގައި 500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި، 300 ދުވަހުގެ މުއްދަތުގައި އެޅުމަށް މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއެވެ.

މިއީ މިސަރުކާރުގެ ވައުދުތަކުގެ ތެރެއިން އެއްވައުދުކަމަށާއި ފޮނަދޫ އަކީ މިސްކިތުގެ ދަތިކަން ހުރި ރަށެއް ކަމުން ވެވުނު އެއްބަސްވުމެއް ކަމަށާއި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މިސްކިތް ނިންމައި ދެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ، މިހާތަނަށް ސޮއިކުރި 8 މިސްކިތް މިއަހަރު ތެރޭގައި ފެށި ކަނޑައަޅާފައިވާ މުއްދަތާއި ހަމަ އަށް ނިންމާލެވޭނެ ކަމަށެވެ. އަދި މިކަމަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަމެއް ކަމުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން އެއީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.