"ޕްލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޅު ހއ.މޮޅަދޫ ކައުންސިލުން ވެސް ކުއްވެރިކޮށްފިއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓު ކުއްވެރިކޮށް އެކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނަ އަޅައި ދިއުމާ ހަރުކަށި ވިސްނުންތަކާ ބެހޭ ގޮތުން ދިރާސާކޮށް ކަމަށް ބުނެ އެ ޖަމިއްޔާއިން ވަނީ މާތްވެގެންވާ އިސްލާމް ދީނަށާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް، ކީރިތި ޤުރުއާނުގެ ނައްސުތަކުން ސާބިތުވާ ކަންކަމަށް ފާޅުގައި އިންކާރު ކޮށްފައި ކަމަށާއި، އެހެން ކަމުން އެ "ހަޑިމުޑުދާރު އަމަލު" އެކައުންސިލުންނާއި މުޅަދޫގެ ރައްޔިތުން ކުއްވެރި ކުރާ ކަމަށެވެ.

މުޅަދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެކައުންސިލުން ދެކޭގޮތުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މަގްސަދަކީ ދިވެހިންގެ ހިތްތަކުގައި އިސްލާމް ދީނަށް ދެވިފައިވާ ލޯތްބާއި އިހްތިރާމް ކުޑަކޮށް، އިސްލާމް ދީނާއި މެދު ޝައްކާއި ނަފްރަތު އުފައްދައި، އިސްލާމް ދީން ނޫން އެހެން ދީންތަކަށް މި ފަސްގަނޑުން ފުރުސަތު ދިނުން ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި މޮޅަދޫ ކައުންސިލުން ވަނީ އެމްޑީއެންގެ ރިޕޯޓު ވީހައިވެސް އަވަހަކަށް ތަހުގީގު ކުރުމަށާއި، ގާނޫނު އަސާސީގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ދޭން ޖެހޭ އެންމެ ހަރުކަށި އަދަބުދީ، މިފަދަ އަމަލުތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅެއް އަޅުމަށް ރައީސުލްޖުމްހޫރިއްޔާ އަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައިފައެވެ.

މޮޅަދޫ ކައުންސިލުން ވަނީ އިސްލާމް ދީނާއި ދެކޮޅު އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސްކޮށްފައެެވެ.

މިހާތަނަށް އެމްޑީއެންގެ ރިޕޯޓު ކުއްވެރިކޮށް 130 އަށްވުރެ ގިނަ ކައުންސިލުން ވަނީ ބަޔާން ނެރެފައެވެ. އެ ބަޔާންތަކުގައި ވަނީ އެމްޑީއެންގެ އަމަލު ކުއްވެރިކޮށް އެމްޑީއެން އާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

ފުލުހުންނާއި ކަމާބެހޭ އެހެނިހެން އިދާރާތަކުން ދަނީ އެމްޑީއެން އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓު ތަހުގީގު ކުރަމުންނެވެ. އަދި އެމައްސަލަ އާއި ގުޅިގެން އެމްޑީއެންގެ ފައުންޑަރ ޝަހިންދާ އިސްމާއިލް އާއި އައިޝަތު އަޒުރާ ނަސީމް ފުލުހަށް ހާޒިރުވުމަށް ވަނީ ޗިޓު ހަވާލުކޮށްފައެވެ.