އުމްރާއަށް ގެންދިއުމުގެ ގަވާއިދަށް ސައުދީ ސަރުކާރުން ގެނައި ބަދަލުތަކަކާއި ގުޅިގެން، ރާއްޖެއިން އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށްޓަކައި ދާ މީހުންގެ އަތުން ނަގާ ފީ ވެސް ބޮޑު ކޮށްފިއެވެ.

ސައުދީ ސަރުކާރުން މީގެ ކުރިން އުމްރާއަށް ދާ މީހުންގެ އަތުން ނަގަމުން އައި 2000 ރިޔާލް މިހާރު ވަނީ މިދިޔަ މަހު އަމަލުކުރަން ފެށި އާ ގަވާއިދާއި އެކު އުވާލާފައެވެ. މީގެ ބަދަލުގައި ހެލްތް އިންޝުއަރެންސް ހިމެނޭ ގޮތަށް އެހެން ފީތަކެއް ނެގުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ސައުދީ ސަރުކާރުން ނަގާ ޓެކްސްވެސް ވަސް ވަނީ އިތުރުކޮށްފައެވެ.

އުމްރާގެ ވިސާ ޖަހައިދެމުން އަންނަ ސީޕްރިއާއިން، އުމްރާ ގްރޫޕްތަކަށް އަންގާފައިވަނީ ސައުދީން ގެނައި މި ބަދަލުތަކާއި ގުޅިގެން މިފަހަރުގެ އުމްރާގެ ވިސާގެ ފީ ވެސް ކުރީ އަހަރުތަކާށް ވުރެ ބޮޑުވެފައިވާ ކަމަށެވެ.

ވިސާ އާއި ޓެކްސް އަދި އެހެނިހެން ފީގެ ގޮތުގައި މީގެ ކުރިން ރާއްޖެ އިން އުމްރާ އަށް ދާ މީހެއްގެ އަތުން ނަގަމުން އައީ ގާތްގަނޑަކަށް 100 ޑޮލަރެވެ. ސައުދީ ސަރުކާރުން އަލަށް ގެނައި ބަދަލާ ގުޅިގެން މިހާރު ވިސާ އަދި ދަތުރުފަތުރާއި ޓެކްސް ފީގެ ގޮތުގައި ނަގާ އަދަދު 250-300 ޑޮލަރަށް ބޮޑުވާނެ ކަމަށް ބައެއް ގްރޫޕްތަކުން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގައި އުމްރާއަށް މީހުން ގެންދަން 25 ކުންފުންޏަށް މިއަހަރު ހުއްދަ ދީފައިވާއިރު އެކި ގްރޫޕްތަކުން މީހުން އުމްރާއަށް ގެންދަން ނަގަނީ އެކި އަގުތަކެވެ. އެގޮތުން ހިމެނެނީ 25000 ރުފިޔާއާއި 39000 ރުފިޔާގެ ދެމެދުގެ އަގުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖިންނި

    ސައުދީ ރަސްކަމަކީ އަމިއްލަ އަންބޮނޑި ބޮޑުކުރަން އުޅޭ ބައެއް މުޅި އިސްލާމީ އުއްމަތް މިދެކޭ ދަތި އުނދަގޫ ދުވަސްތަކުގެ ޙަޤީޤީ ޒިންމާ ނަގަންޖެހޭނީ އާލު ސޫދުގެ ދަރިކޮޅު !

    8
    1
  2. ސާސާ

    ކީތަވީ މިއައްވުރެ އަގު ކުދޑަކޮއްލަ ދިނިއްޔާ ދޯ އޭރުއް އަހަރެމެންދިވެހިއްނައް ހާދަ ފުރުސަތު ބޮޑުވެގެން ދާނެދޯ މިއީއަޅުކަމެއް މިކަމަށްތިބޭފުޅުންތައްކޮޅެއްބޮޑައް ވިސްނާ

  3. އިއްބެ

    ޙައްޖަށް މީހުންގެންދާ ގިނަ ގުރޫޕުތަކަކީވެސް ވަރަށް މަކަރުވެރި ބައެކެވެ.ބައެއް ގުރޫޕުތަކުން ޢުމުރާއަށް މީހުން ގެންދިއުމަށް ފަހު އެކިނަންނަމުގައި ޢުމުރާވެރިންގެ އަތުން ފައިސާނަގައެވެ.މިގޮތުން ޠާއިފަށް ދިއުމަށް 50 ޑޮލަރ،އާސަރީ ތަންތަން ބަލަން ދިއުމަށް 50 ޑޮލަރ ނެގުމުގެ އިތުރަށް އެމީހަކަށް ޕުލައިޓުން ހިލޭ ލިބޭ ކިލޯއިން ބޮޑުމައެއް ނަގާކަން ފާހަގަކުރެވެއެވެ.މިސާލަކަށް ސައުދީ ފުލައިޓުން 45 ކިލޯ ލިބޭއިރު މައްކާއިން އަންނަ އިރު ޢުމުރާ ވެރިއަކަށް ދެނީ 23 ކަން ފާހަގަކުރެވެއެވެ.މިފަހަރު 2000 ރިޔާލުގެ އަދަދަށް ނަގާފައިސާގެ ބަދަލުގައި ކޮންމެވެސް ގޮތަކަށް އެ އަދަދަށް ފައިސާ ނަގާނެއެވެ.

  4. ރޮނޑާ

    ސައުދީ އަރަބިއްޔާ އަހަރަކު ހާދަ ބައިވަރު ފައިސާއެއް ވަންނާނެ އޭ މަގޭ ހިތައް އަރާ. މިހުރިހާ ފައިސާއެއް ރައްކާކުރަނީ ކިހިނެއްތަ؟.ކީއްތަވާނީ އަހަރަމެން މި ދަތި ހާލުގައި އުޅޭ އިރު އެއިން ފައިސާ ފޮއްޗެއް އަހަރަމެންނައް ހަރަދުކުރިއްޔާ.