އަންނަ އަހަރު އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 64 މިލިއަން ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓު މިގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވި 82 މެންބަރުންގެ ވޯޓުންނެވެ.

އަންނަ އަހަރަށް އޮޑިޓަރ ޖެނެރަލްގެ މުސާރައާ އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި 795،000 ރުފިޔާ ކަނޑައަޅާފައިވެއެވެ. އެހެންކަމުން އަންނަ އަހަރު އޮޑިޓަރ ޖެނެރަލް އަށް އެވްރެޖު ގޮތެއްގައި މަހަކު 66000 ރުފިޔާ ލިބޭނެއެވެ. އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރައާއި، އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 43.98 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން އެ އިދާރާގެ އެހެނިހެން ޚަރަދުތަކުގެ ގޮތުގައި މުވައްޒަފުން ތަމްރީނު ކުރުމާއި ފެންވަރު މަތިކުރުމާއި، މުވައްޒަފުންގެ ދަތުރުފަތުރާއި ޚަރަދުތަކަށާއި، ޕެންޝަން ފައިސާގެ ގޮތުގައިވެސް ބަޖެޓުގައި ވަނީ ޚަރަދުވާނެ ކަމަށް ބެލެވޭ އަދަދުތައް ހިމަނާފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނާ ގޮތުގައި އޮޑިޓު އޮފީހުގެ ބަޖެޓަކީ މަޖިލީހުން ވަކިން ފާސްކުރަންޖެހޭ ބަޖެޓެކެވެ. މިއަންނަ އަހަރަށް ދައުލަތުން ކަނޑައަޅާނެ ބަޖެޓަކީ 40 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިހާތަނަށް ރާއްޖޭގެ ރިކޯޑު އަދަދެއްގެ ބަޖެޓެއްކަން ފާހަގަކޮށްލެވެއެވެ.