ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުވުމަށް ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް 5 ޕަސެންޓުދިނުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅައިފައިވާ އިސްލާހު މަޖިލީހުން ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު އަލީ ނިޔާޒުއެވެ. އެބިލު މަޖިލީހަށް ބަލައިގެންފައި ވަނީ 82 މެންބަރުންގެ ވޯޓުންނެވެ. އެބިލު މަޖިލީހަށް ބަލައިގަތުމަށް ފަހު ވަނީ ލާމަރުކަޒީ ކޮމެޓީ އަށް ދިރާސާކުރުމަށް ފޮނުވާފައެވެ.

އެބިލުގައި ބުނެފައި ވަނީ ދައުލަތުގެ ބަޖެޓުން 5 ޕަސެންޓާއި، ކައުންސިލްގެ އިހްތިސޯސްގައި ނުހިމެނޭ ބިމާއި، ފަޅާއި ފަޅުރައްރައް ފަދަ ތަންތަނުގެ ކުލިން 5 އިންސައްތަ ކައުންސިލްތަކަށް ހަމަހަމަޔަށް ބެހުމަށާއި، ކައުންސިލްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ދޭ ހިދުމަތްތަކަށް ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް އެއިސްލާހުގެ ދަށުން ލިބިދޭނެ ކަމަށެވެ. އެބިލަށް އިސްލާހު ހުށަހަޅައިފައިވާ އިތުރު ކަންކަމުގެ ތެރޭގައި، ކަނޑައެޅޭ އުސޫލްތަކެއްގެ ދަށުން ކުންފުނިތައް އުފައްދައި ހިންގުމުގެ ބާރާއި، އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުން ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މި އިސްލާހުތަކުގެ ތެރެއިން ކައުންސިލް ތަކުން ނިގުޅައިގެންފައިވާ ބާރުތަކާއި، ވަކި ކަންކަމެއް ސަރުކާރުން ކައުންސިލްތަކަށް މަތިކުރުމުގެ ބަދަލުގައި، އެކަންކަމަށް ވަކި ގާނޫނެއް އެކުލަވައިލުމަށް ވަނީ އެ އިސްލާހުތަކުގައި ހިމަނާފައެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް މިސަރުކާރުން ހުށަހަޅާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔަމީނުގެ ދައުރުގައި ކައުންސިލްތަކަށް ދީފައިވާ ބާރުތައް އުނިކުރުމުން އެކަންކަން އަލުން އިޔާދަ ކުރުމަށްޓަކައެވެ. ކައުންސިލްތަކަށް ދޭ ބާރުތައް އުނިކުރުމުގެ ކުރީގައި ދީފައިވާ އުސޫލުން ބާރުތައް އަލުން އިޔާދަކޮށް، ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް އަލުން މަތިކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރޯ

    ނަސީދު ގެ ސަރުކާރުން ނެގި ކައުންސިލް ތަކުގެ ފައިސާ ދެނީ ކޮންދުވަހަކު ؟

  2. ބުރޯ

    ހުރިހާ ކައުންސިލަކަށް 5% ބާ؟ ނުވަތަކައުންސލަކަށް 5% ބާ؟ 2020 ގެ މުޅި ބަޖެޓްގެ 5% އަކީ 1،950،000 ރުފިޔާ 20 އަތޮޅުކައުންސލަށް ބަހާލީމަވަނީ ކައުންސލަކަށް 97500 މިއީ ކޯންޗެއް؟ ބަޖެޓްގެ 5% ކޮންމެ އަތޮޅުކައުންސިލަކަށް ދޭނަމަ އަތޮޅުކައުންސިލަ ތަކަށް އެކަނި 39 ބިލިއަން ރުފިޔާ ޖެހޭ.