ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތްކޮށްފައިވާ ޕްރީ ސްކޫލް ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މުހައްމަދު ގާސިމް ޕްރީ ސްކޫލު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިން އަންނަ މަހުގެ 12 ވަނަ ދުވަހު އޮންނާނެ ކަމަށާއި ބީލަމަށް ހުޅުވުން އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.

ޕްރީ ސްކޫލު ހިންގާނެ ބަޔަކު ހޯދަން މީގެ ކުރިން އެޑިއުކޭޝަނުން ކުރި އިއުލާނު ބާތިލްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަށެވެ. އެއީ ބީލަމާ ގުޅޭ ކަންކަމުގެ ތެރޭގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރުމުންނެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެދެ ބީލަމުގައި ބައިވެރިވާން 200ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި އެ ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000ރ. ހުށަހަޅަންޖެހޭނެކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ޕްރީ ސްކޫލް ހިންގާނެ ބަޔަކު ހޯދަން ތިން ފަހަރެއްގެ މަތިން އިއުލާނު ކޮށްފައެވެ. މިދިޔަ މޭއި މަހުގައި ކޮށްފައިވާ އިއުލާނާއި ގުޅިގެން އެސްކޫލް ހިންގަން އައިލެންޑާސް އެޑިއުކޭޝަނާއއި ކޮލިޓެޓް އެޑިއުކޭޝަނާއި މެރިޓައިމް އެކަޑަމީ އިން ވަނީ ބިޑް ހުށަހަޅާފައެވެ. އެހެން ނަމަވެސް ލިޔުންތައް ފުރިހަމަ ވެފައި ނުވުމުން މެރިޓައިމް އެކަޑަމީގެ ބިޑް ވަނީ ބާތިލްވެފައެވެ.

އޯޓިޒަމް ސެންޓަރ ކައިރީގައި އިމާރާތްކޮށްފައިވާ 10 ކްލާހާއި ކޮމްޕިއުޓާ ރޫމަކާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހުންނަ ޕްރީ ސްކޫލު މީގެ ކުރިން ބޭނުންކުރީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޖަގަހައެއްގެ ގޮތުގަ އެވެ.