ތ. އަތޮޅު ވޭމަންޑޫގައި ހުންނަ އެ އަތޮޅުގެ ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ދޭން ފަށައިފިއެވެ.

ތ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުޙައްމަދެވެ.

މިހިދުމަތް އެ އަތޮޅުގެ ރައްޔިތުންނަށް ލިބެން ފެށުމުން އެއަތޮޅުގެ ރައްޔިތުން މީގެ ކުރިން ކުރަމުން އައި ދަތުރުތައް ނިމުމަކަށް ވަނީ އައިސްފައެވެ. މީގެ ކުރިން އެކަހަލަ ކަމަކަށް ޖެހިއްޖެނަމަ އެ އަތޮޅުގެ ރައްޔިތުން ދަނީ މާލެ އަށް ނުވަތަ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ.

ދަތުގެ ފަރުވާގެ ހިދުމަތް ފެއްޓެވުމުން އެހިދުމަތް ހޯދާނެކަމަށް ލަފާކުރެވޭ ކެޗްމަންޓް ޕޮޕިއުލޭޝަނަކީ 16621 މީހުންކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.

ތ. އަތޮޅު ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 އަށްވުރެ ގިނަ މީހުން ހިދުމަތް ހޯދައެވެ. އަދި މިވަގުތު އެ ހޮސްޕިޓަލުގައި 5 ސްޕެސަލިސްޓް ޑޮކްޓަރުންނާއި، 2 މެޑިކަލް އޮފިސަރުންގެ އިތުރުން، 11 ނަރުހުންނާއި، ޓެކްނިކަލް 9 މުވައްޒަފުން ތ. އަތޮޅު ހޮސްޕިޓަލުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

ތ. އަތޮޅު ހޮސްޕިޓަލުގައި ގާއިމު ކުރި ދަތުގެ ފަރުވާގެ ހިދުމަތަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާ ކޮށްފައިވާ ސެޓްޕެއް ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.. އަދި އެފަދަ ޑެންޓަލް ސެޓަފްއެއް ގާއިމްކުރުމައްޓަކައި މިލިއަނެއްހައި ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެލާ

    މިސަރުކާރަށް ކުރެވޭނެކަމަކީ ރަސްމިއްޔާތުތަކާ ސޮއިކުރުމުގެ ހަފުލާތަށް ރައްޔަތުންނަށް ދެއްކުން މިނޫންކަމެއް ނުކުރެވޭނެ.

  2. ތުވާ

    ތިހެން ހުރޭ އޭދަފުށީގައި ހުޅުވާފަ މިތިބެންޖެހެނީ ޓެސްޓް ފުޓުނި އަޅަން. ހަފްތާއަކު 1 ފަހަރު
    އަޅައަޅާ ދުޅަވެ ހަލާކުވަނީ.. ހުންނަމީހަކީ ޓެސްޓް ކުރަން އެގޭމީހެން.. މީތޯ ދަތުގެ ފަރުވާއަކީ-- ދެން 30 ދުވަހު އަޅާފަ ބުނަނީ މާލެދާން ކިހާ ވޭނެއްތޯމިއީ،،،މެނޭޖަރު ހުންނަނީ ދޮގު ވާހަކަ ނޫސްތަކަށްދޭން.. މީތޯ ހިދުމަަތީ .....