ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ޝަރުއީ ދާއިރާގެ ތެރެއިން ގެންނަން އުޅުނު ބަޣާވާތުގެ ތުހުމަތުގައި، ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކޮއްފައިވާ ކުރީގެ ރައީސް މައުމޫން, ފަނޑިޔާރު އަލީ ހަމީދު އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ.

ސަރުކާރުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި ނިރުބަވެރި ކަމުގެ ދައުވާއާއި, ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ. އެގޮތުން މިއަދު ކްރިމިނިލައް ކޯޓުގައި ތާވަލް ކުރެވިފައި އޮތީ އެބޭފުޅުންގެ މައްޗަށް ކޮށްފައިވާ އަދުލު އިންސާފަށް ހުރަސް އެޅުމުގެ ދައުވާގެ އަޑު އެހުމެކެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ 11 މީހަކަށް އެ މީހުންގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ލިޔެކިއުންތައް މިހާރު ވަނީ ހަވާލުކޮށްފައެވެ.

އެބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި، ދަނބިދަރިކަލުން މުހައްމަދު ނަދީމާއި، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، ކުރީގެ ސީޕީ އަހުމަދު އަރީފުގެ އިތުރުން ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމާއި، ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި، މެންބަރު ޢަބްދުﷲ ސިނާނު އަދި މެންބަރު އިލްހާމް އަޙްމަދެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރު ސިނާނު ފިޔަވާ އެހެން ހުރިހާ ބޭފުޅުންނަށް މައްސަލައިގެ ލިޔުންތައް ކްރިމިނަލް ކޯޓުން ހަވާލުކޮށްފައިވަނީ އެ ފަރާތްތައް މިވަގުތު ބަންދުކޮށްފައި ހުރި މާފުށީ ޖަލަށް ގޮސްގެނެވެ. ވަކީލު ނެތީސް ލިއުންތަކާ ހަވާލުވާން އިއުތިރާޒު ކުރެއްވުމުން މެންބަރު ސިނާނުއާ ލިޔުންތައް ހަވާލުކޮށްފައިވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރި ދުވަހު ކޯޓުންނެވެ.

މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި މައްސަލައާއި ގުޅިގެން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކަށް ފުރުޞަތު ލިބިގެންދާއިރު، ދައުވާ ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމާނެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުލް އުގޫބާތުގައި ބުނެފައިވާގޮތުން މައްސަލައިގެ ދައުވާލިބޭ ފަރާތައް ލިޔެކިޔުންތައް ހަވާލުކުރާތާ 30 ދުވަހުގެ ކުރިން އިބްތިދާއީ އަޑުއެހުންތައް ބޭއްވުނު ނަމަވެސް ދައުވާ ލިބޭ ފަރާތުން އެދިއްޖެ ހާލަތެއްގައި މެނުވީ މައްސަލައެއްގެ ޝަރީއަތް ނުފެށޭނެއެވެ.

މި މައްސަލަތަކުގައި ހިމެނޭ ބައެއް ފަރާތްތަކުގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާއާއި، ދައުލަތުގެ މަސައްކަތައް ހުރަސް އެޅުމުގެ ދައުވާ، ހެކި ނައްތާލި ކަމުގެ ދައުވާ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ އިތުރުން ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވާއިރު، މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ކޮންމެ ޚާއިނަކަށް 25 އަހަރު ޖަހާލާފަ ޖަލަށްލާ! ތިޔައީ މުޅި ދުނިޔެއަށް ބެލިނަމަވެސް ތާރީޚުން ފެންނަންއޮތް އެންމެ ނުބައި ތިން ޚާއިނުން!

  2. ވަދޫދު

    މިހާރު ހައްޔަރުކޮށްފައި ތިބި ސިޔާސީފަރާތްތަށް އެގޮތުގައި ބޭތިއްބުމުންވެސް އެނގެނީ މުޖުތަމައުގެ ހަމަޖެހުން އައިސް އަމާންވެފައިވާ ކަމެވެ. އެމީހުން އެކަހެރި ކުރި ނަމަވެސް ރަށްޔިތުންނަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަވަމުން ދާދިއުމަކީ އެމީހުން ގައުމުގެ ތަސައްވުރު ކިލަނބު ކުރުމަށް ދެއްކި ހުއްޖަތަކީ އޭގައި އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަން މި ސަރުކާރުން ރަށްޔިތުންނަށް ސާފްކޮށްދިން މެސެޖްތަކެއްކަން މިވަނި ކަށަވަރުވެފައެވެ. އަދި އެބައިމީހުންނަކީ މައުލޫމާތާއި ތަޖްރިބާހުރި ބައެއްކަން ލިޔުމުން ފެންނަން އޮތަސް އަމަލްތަށް ހުރިގޮތުން މިއަދުގެ މުޖްތަމައު އެމީހުން ގަބޫލްނުކުރާކަން ވެސް އެނގިހާމަވީވެސް ގައުމުގެ މުޖްތަމައަށް އިބްރަތްތެރި މިސާލެއްފަދަ ގޮތަކަށެވެ.

  3. ޢަހްމަދް

    އުފާވެރި ޙަބަރެއް
    ކޮންމެހެންވެސް އަވަސްކުރަން ޖެހޭ ޝަރީޢަތެއް.ބާރަށް ކުރިއަށް ބާރަށް ކުރިއަށް.

  4. ހާލިދު

    އެބަ ރަނގަޅުވޭ