ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރާއި މެދު ތެރޭގެ އަށް އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށެވެ.

މިރޭގެ 23:00އާއި ހަމައަށް ނެރެފައިވާ މި ރީނދޫ ސަމާލާއި އެކު މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރުމާއި އެކު ގަޑިއަކު 45 މޭލަށް ވައި ގަދަވާނޭ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މާދަމާގެ ހެނދުނު 10:00އާއި ހަމައަށް މުޅި ރާއްޖޭގެ މޫސުން ލަފާ ކުރެވޭ ގޮތަށް ބަލައިލާ އިރުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވެއެވެ.

އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅުކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އިރު، އެހެންހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެއެވެ. އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއްކަމަށް މެޓު އޮފީހުން މައުލޫމާތު ދެއެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން އެދެވިގެން ވެއެވެ.