ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދޭތެރޭ ހިމެނޭ އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މިއަދު 18:20 ފެށިގެން މިރޭގެ 23:00 އާއި ހަމައަށް ނެރެފައިވާ މި ހުދު ސަމާލާއި އެކު މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިރޭގެ 23:00 އާއި ހަމައަށް އުތުރާއި މެދު ތެރޭގެ އަށް އަތޮޅަކަށް ވަނީ ރީނދޫ ސަމާލުވެސް ނެރެފިއެވެ. މި ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށެވެ.

މާދަމާގެ ހެނދުނު 10:00އާއި ހަމައަށް މުޅި ރާއްޖޭގެ މޫސުން ލަފާ ކުރެވޭ ގޮތަށް ބަލައިލާ އިރުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވެއެވެ.

އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅުކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އިރު، އެހެންހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެއެވެ. އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއްކަމަށް މެޓު އޮފީހުން މައުލޫމާތު ދެއެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން އެދެވިގެން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު