ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ފުރަތަމަ ޑިވިޝަނުގެ ފައިނަލުގައި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ކުރިމަތިލުން ނަބާހާ ކާމިޔާބުކޮށްފި އެވެ.

ސިންގަލްސް އަންހެން ފައިނަލަށް ނަބީހާ ދަތުރުކުރީ ސެމީ ފައިނަލުގައި 2016 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަން މައިސާ ފަތުހުﷲ އާ ވާދަކޮށް ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ނަބީހާއަކީ މި އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއަޖީ) ގައި ބެޑްމިންޓަން ސިންގަލްސް ބައިން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ކުޅުންތެރިޔާ އެވެ. ނަބީހާ ވަނީ 2017 ވަނަ އަހަރުގެ ގައުމީ ބެޑްމިންޓަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. އަނެއްކޮޅުން ނަބާހާ މި އަހަރުގެ ފައިނަލަށް ދަތުރުކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލުގައި ތަޖުރިބާކާރު ކުޅުންތެރިޔާ، ނީލާ ނަޖީބް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ނަބާހާ ފައިނަލް މެޗާއި ކުރިމަތިލީ އެންމެ ފަހުގެ ގައުމީ ޗެމްޕިއަންގެ ގޮތުގަ އެވެ.

މިއަދު ހަވީރު ކުޅިވަރު އެކުވެނީގެ އިންޑޯ ބެޑްމިންޓަން ހޯލުގައި ކުޅުނު ފޯރިގަދަ މެޗު ނަބާހާ ކާމިޔާބުކޮށްފައިވަނީ ދެ ސެޓު އެެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-18 އިން ނަބާހާ ގެންދިޔަ ނަމަވެސް ނަބީހާ ވަނީ ދެވަނަ ސެޓުގައި ރަނގަޅު ކުޅުމެއް ދައްކަައި 21-18 އިން ސެޓު ކާމިޔާބުކޮށްފަ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފަހު ސެޓު ނަބާހާ ކާމިޔާބުކޮށްފައިވަނީ 21-19 އިންނެވެ.

ސިންގަލްސް ފައިނަލުގައި ދެބެންގެ ކުރިމަތިލުން ނަބާހާ ކާމިޔާބުކުރިއިރު، މުބާރާތުގެ އަންހެން ޑަބަލްސްގެ ފައިނަލުގައި މި ދެބެންގެ ޕެއާ ވަނީ އައިމިނަތު ޝަހުރުނާޒް މޫސާ އާއި ނީލާގެ ޕެއާގެ މައްޗަށް ކުރިހޯދާފަ އެވެ. ނަބާހާ އާއި ނަބީހާގެ ޕެއާ އިން މި މެޗު ގެންދިޔައީ ދެ ސެޓު އެއް ސެޓުންނެވެ. ފުރަތަމަ ސެޓު 21-18 އިން އެދެބެއިން ކާމިޔާބުކުރިއިރު ޝަހުރުނާޒު އާއި ނީލާގެ ޕެއާއިން 21-18 ގެ ނަތީޖާއަކުން މެޗުގެ ދެވަނަ ސެޓު ގެންގޮސް އުއްމީދު އާކުރި އެވެ. ނަމަވެސް ފަހު ސެޓުގައި މާބޮޑު އުނދަގުލަކާއި ނުލަައި ނަބާހާ އާއި ނަބީހާގެ ޕެއާ އިން ވަނީ 21-09 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.

ފިރިހެން ޑަބަލްސް ފައިނަލުގައި އަހުމަތު ތޯއިފް މުހައްމަދާއި ޒަޔާންގެ ޕެއާ ވަނީ އިބްރާހީމް ރާޝިހު އާދަމް އާއި ރިޝްވާން ޝިޔާމްގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. ސެޓުތައް ތޯއިފް އާއި ޒަޔާން ކާމިޔާބުކޮށްފައިވަނީ 21-14 އަދި 21-17 އިންނެވެ.