މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އދ. މާމިގިލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މާމިގިއްޔަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ މާމިގިއްޔަަށް ވައިގެ މަގުން މަސްތުވާތަކެތި އެެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި ހިނގާ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެ 17:50 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

މި އޮޕަރޭޝަންގައި، މާމިގިލީ އެއާޕޯޓުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މިމައްސަލަ މާމިގިލީ ޕޮލިސް ސްޓޭޝަނުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަހާންގީރު

    ތިކަމާއި އަންނި ވަރަށް ކަންބޮޑުވާނެ !

  2. ކޮމާ

    އެއީ ތެދެއް އެއީ އެޖެންޑާ 19 އާއި ވަރަށް ބީރައްޓެހި ކަމެއް. މަސްތުވާތަކެތި ބޭނުންކުރާ މީހުން ހައްޔަރު ކުރުމާއި، އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުން ހައްޔަރުކުރުން.