އައްޑޫ ސިޓީ ހިތަދޫ އިން 25،00 އަކަފޫޓުގެ ބިމެއް، އަގަކާއި ނުލައި ހިލޭ ވިލާ ކޮލެޖަށް ދިން މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ހިތަދޫއިން 25،000 އަކަފޫޓުގެ ބިމެއް އަގަކާ ނުލައި ހިލޭ ދިން މައްސަލަ އެއް އޭސީސީ އަށް ހުށަހެޅިފައި ވާކަމަށް އެކޮމިޝަނުން މައުލޫމާތު ދެއެވެ. އަދި އެ ބިމަކީ ވިލާ ކޮލެޖުން މަތީ ތައުލީމަށް ކިޔަވައިދޭ އިންސްޓްޓިއުޓެއް ގާއިމް ކުރުމަށް ދީފައިވާ ބިމެއް ކަމަށް އޭސީސީ އިން ވަނީ ހާމަކޮށްފައެވެ.

މީގެ ކުރިން ކައުންސިލުން ނިންމަމުން ދިޔައީ 45،000 އަކަފޫޓުގެ ބިމެއް ވިލާ ކޮލެޖަށް ހިލޭ ދިނުމަށް ކަމަށާއި އެހެން ނަމަވެސް ފަހުން 25،000 އަކަފޫޓަށް ބަދަލުކޮށްފައި ވަނީ އެކަމާ ގުޅިގެން ކައުންސިލްގެ ބައެއް މެންބަރުން ނުރުހުން ފާޅުކުރުމާއި ގުޅިގެންނެވެ.

މީގެ ކުރިން ކައުންސިލުން ވިލާކޮލެޖަށް ދިނުމަށް ހަމަޖެއްސި 45،000 އަކަފޫޓުގެ ބިމަކީ ހިތަދޫ ކްރެސްގާޑަން ރެސްޓޯރެންޓާއި އައްޑޫ ލިންކްރޯޑާއި ދެމެދު އޮންނަ ބިމެކެވެ. އެބިން ދިނުމަށް ފުރަތަމަ ހުށަހަޅާފައި ވަނީ ވިލާ ކޮލެޖުގެ އިސް ފަރާތެއްގެ ގޮތުގައި ދާދި ފަހަކާ ޖެހެންދެއް ހުންނެވި އައްޑޫ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު ޔަޝްރިފެވެ.

ވިލާ ކޮލެޖަށް ބިން ހިލޭ ދިނުމަށް ނިންމި ނިންމުމާއި ގުޅިގެން ގިނަ ކައުންސިލަރުން ދެބަސްވުމާއި އެކު އެބިން ދިނުމަށް ވަނީ އިއުލާން ކޮށްފައެވެ. އެހެން ނަަމަވެސް އެއިއުލާނުގައި ވަނީ އެބިން ހޯދުމަށް ހަނި ޝަރުތުތަކެއް ހިމަނައިފައެވެ.