2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި، ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ ހަތް މީހުންގެ ޝަރީޢަތް ނުފެށި ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އަނަސް މަރާލި މައްސަލައިގައި ދަޢުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުޘްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް - ވަގުތު އިމޭޖްސް: އިބްރާޙިމް ޝާބިލް

މި މީހުންގެ ތެރެއިން، މުހައްމަދު ޝާޒް އާއި، ޖުނައިޙު ޢަބްދުﷲ އާއި، ޙަސަން މަޙުފޫޒު އާއި ސިމާޙު މޫސާގެ މައްޗަށް ދަޢުލަތުން ކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް އަޙުމަދު ޒަޔާން އާއި، އުޘްމާން ޝަރީފާއި، އަފްރާޙް ޢަބްދުއްރައްޒާޤުގެ މައްޗަށް ދަޢުލަތުން ކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ - ވަގުތު އިމޭޖްސް: އިބްރާޙިމް ޝާބިލް

މި މައްސަލައާއި ގުޅިގެން މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ކުރިއަށްދިޔައީ، ޝަރީޢަތުގެ ކުރިން ދެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކަކީ ކޮބައިތޯ ބަލާ، އެކަންކަމާއި މެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުމެވެ. އެގޮތުން މި މައްސަލައިގެ ޝަރީޢަތުގެ ކުރިން ދެ ހުށަހެޅުމެއް ދަޢުލަތުގެ ފަރާތުން ވަނީ މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ހުށަހަޅާފައެވެ. އެގޮތުން، ސިއްރު ހެކިވެރިންގެ ސިއްރުކަން ނުގެއްލޭނެފަދަ ގޮތަކަށް ހެކިބަސް ނަންގަވައިދެއްވުމާއި، އަދި ހުށަހަޅާފައިވާ ބައެއް ލިޔުންތައް ސިއްރު ކުރުމުގެ ޢަމުރަކަށް ދަޢުލަތުން ވަނީ އެދިވަޑައިގެންފައެވެ. މި ހުށަހެޅުންތަކާއި ގުޅިގެން، މި މައްސަލަ ބައްލަވާ، ޤާޟީ ވަނީ ދަޢުލަތުން އެދިވަޑައިގެންފައިވާ ގޮތަށް އެކަންކަން ސިއްރުކުރުމުގެ ޢަމުރު ނެރެދެއްވާފައެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ މ. ދިމިޝްގު އުސްމާން ޝަރީފް - ވަގުތު އިމޭޖްސް: އިބްރާޙިމް ޝާބިލް

މި މައްސަލައިގައި ދިފާޢުން، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން، ހުށަހަޅާފައިވަނީ، މި މައްސަލައިގައި ދަޢުވާ ލިބޭ ފަރާތެއް ކަމަށްވާ، މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރައްޒާޤުގެ ފަރާތުން އެކަންޏެވެ. ބާކީ ތިބި މީހުންގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާނެ އެއްވެސް ހުށަހެޅުމެއް ނެތް ކަމަށް އެ ފަރާތްތަކުގެ ވަކީލުން މިއަދު ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ މިއަދު ބެއްލެވި ފަނޑިޔާރު، މުޙައްމަދު ޞަމީރަކީ މި މައްސަލަ ބައްލަވަން އަލަށް ހަވާލުވެވަޑައިގެންނެވި ފަނޑިޔާރެއްކަމުން، އަފްރާޙުގެ ފަރާތުން ހުށަހަޅާފައިވަނީ ކޮން ހުށަހެޅުމެއްތޯ، އޭނާގެ ދިފާޢީ ވަކީލުގެ ފަރާތުން ސާފުކުރެއްވުމުގެ ގޮތުން އެ ސުވާލު ކުރިމަތި ކުރުވިއެވެ. އެ ސުވާލުގެ ޖަވާބުގައި، އަފްރާޙުގެ ދިފާޢީ ވަކީލް، އާދަމް އާސިފް ވިދާޅުވީ، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހަޅާފައިވާނީ ވަރަށް ދިގުކޮށް ކަމަށާއި، އެހެންކަމުން، އެކަންކަން ޚުލާޞާކޮށް ދަންނަވަން ދަތި ކަމަށެވެ. އެހެންކަމުން، ޤާޟީ ނިންމެވީ، އެކަމާއި ގުޅޭގޮތުން ދެން އޮންނަ ޝަރީޢަތުގެ އަޑުއެހުމެއްގައި ގޮތެއް ކަނޑައެޅުމަށެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒް - ވަގުތު އިމޭޖްސް: އިބްރާޙިމް ޝާބިލް

މިއަދުގެ އަޑުއެހުމުގައި، ޖުނައިދު އަބްދުﷲގެ ދިފާޢީ ވަކީލް ވަނީ އޭނާގެ ބަލިޙާލަތާއި ގުޅިގެންވެސް ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެގޮތުން، ވަކީލް ވިދާޅުވީ، ޖުނައިދުގެ ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، ޕީޖީ އާއި ކަރެކްޝަންގެ ފަރާތުން އޭނާގެ ފަރުވާގެ ކަންކަން ކުރިއަށް ގެންގޮސްފައިނުވާތީ، އެކަމާއި ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އޭނާ ބަންދުން ދޫކޮށް، އާއިލާގެ ބެލުމުގެ ދަށުން އޭނާއަށް ފަރުވާ ކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށްވެސް ވަކީލް އެދިވަޑައިގެންނެވިއެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާން - ވަގުތު އިމޭޖްސް: އިބްރާޙިމް ޝާބިލް

މިކަމާއި ގުޅިގެން ދަޢުލަތުން ވިދާޅުވީ، ޖުނައިދުގެ ފަރުވާގެ ކަންކަން ކުރިއަށްގޮސްފައިވާ ގޮތް، ކަރެކްޝަންގެ ފަރާތުން ސާފުކޮށްފައިވާނޭ ކަމަށާއި، އޭނާ އަށް ފަރުވާ ދެވިފައިނުވަނީ އޭނާގެ ފަރާތުން އެކަމަށް އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށެވެ. މިކަމާއި ގުޅިގެން ޝަރީޢަތުން ވަނީ ޖުނައިދުއާވެސް ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. އެގޮތުން، ލޮލަށް ގެއްލުން ލިބިފައިވަނީ ކޮންއިރަކުތޯ އާއި އަދި އެންމެފަހުން ޑޮކްޓަރަށް ދައްކާފައިވަނީ ކޮން ދުވަހަކުތޯ، ޝަރީޢަތުން ވަނީ އޮޅުންފިލުވާފައެވެ. ޖަވާބުގައި ޖުނައިދު ބުނީ، ލޮލަށް ގެއްލުން ލިބިފައިވަނީ ހައްޔަރު ކުރުމުގެ ފަހުން ކަމަށާއި، އަދި އެންމެފަހުން ޑޮކްޓަރަށް ދައްކާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި ކަމަށެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ ލ. ގަން، ނަންނާރިގެ ޖުނައިދު އަބްދުﷲ - ވަގުތު އިމޭޖްސް: އިބްރާޙިމް ޝާބިލް

މިއަދުގެ ޝަރީޢަތް ނިމުމުގެ ކުރިން، މި މައްސަލައިގައި ދަޢުވާ ކޮށްފައިވާ، އަހުމަދު ޒަޔާނާއި އުޘްމާން ޝަރީފްގެ ދިފާޢީ ވަކީލު، މުޙައްމަދު ނިޝާން އިބްރާޙިމް ވަނީ އިތުރު ކަމެއްވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ނިޝާން ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ، ޤާނޫނު ނަމްބަރު 17/2010، (ބިރުދެއްކުމާއި، ނުރައްކާތެރި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނު)ގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށާއި، އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާ، ސާފުވާނެހެން މާނަކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެ ދަޢުވާއެއް ކޯޓަށް ހުށަހަޅާތާ 30 ދުވަސް ތެރޭގައި އެ މައްސަލައިގައި ކޯޓުން ހުކުމެއް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މާއްދާގެ (ނ) ގައި ބުނެފައިވަވާ ގޮތުން، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތަކަކީ އާއްމު އުޞޫލުން ޢަމަލުކުރެވޭ މުއްދަތު ތަކެއް ނަމަވެސް، ޢަދުލް އިންސާފު ޤާއިމު ކުރުމަށާއި، މުޖުތަމަޢުގެ އަމަން ޢާންމު ރައްކާތެރިކުރުމުގެ ބޭނުމަށްޓަކައި އެ މުއްދަތުތައް ކޮންމެހެން އިތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި، އެކަމަށް އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އެކަން ކުރެވިދާނެ ކަންވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު - ވަގުތު އިމޭޖްސް: އިބްރާޙިމް ޝާބިލް

އިތުރަށް ނިޝާން ވިދާޅުވީ، މި މައްސަލައިގެ ދަޢުވާ އުފުލާފައިވަނީ 15 އޮކްޓޯބަރ 2017 ގައި ކަމަށާއި، މިއަދަށް ދެ އަހަރަށްވުރެ ގިނަ ދުވަސް މި މައްސަލައަށް ވެފައިވާ ކަމަށެވެ. އެހެންކަމުން، އެ މާއްދާގައި އެ ބުނާ ވާހަކަ ތަރުޖަމާކޮށްދެއްވާ، އެކަމަށް ރިޢާޔަތްކޮށްދެއްވުމަށްވެސް ނިޝާން އެދިވަޑައިގެންނެވިއެވެ.

މި މައްސަލައިގެ އަޑުއެހުމެއްް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ 20 ވަނަ ދުވަހުގެ 13:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޔާ

  ލަސްނުކޮއް ހައްޤު އަދަބު ދީބަލަ!
  ގިސޯސްް........... ދިރުމެއްވާކަމެއް!
  އެއްމެން ދިރުވުންފަދަ........

  14
 2. ގޭންގު

  ތި މައްސަލައިގަ ހިމެނޭ އަފް ރާހު ސަލާމަތް ވާނެ ޔަގީނުންވެސް، ލޮނުމިދިލިގޭ ކުއްޖެއް ވީމަ

 3. ހައްޓުބެ

  ތިޔަ ބައިގަނޑުގެ ކިބައިިން އަހަރެމެމް ސަލާމަތްކުރެވޭފަދަ ވެރިއެއް މިޤައުމަށް އަންނާނީ ކޮން އިރަކުންބާއެވެ. މަސްކަނޑާހެން ރޯމާދުވާލ؛ު ވަޅިހިފައިގެން މީހުންގެ ނުހަނު ލޯބިވާ ދަރިން ކަތިލީމާވެސް ހަފުތާއެއެއް ވާންވާއިރަށް އެކަން ހަނދާންނައްތާލައެވެ. އެއީ ވީކަމެއްހެންވެސް ހިއެއް ނުވެއެވެ. ދެން އޯގާތެރި ޤާނޫނީ ވަކީލުންގެ އެހީ އެމީހުން ހޯދައެވެ.

  3
  1