މިހާރު ގިނަ ލޯންޗް ތަކެއް ލާފާ ފުރުމަށް ބެނުންކުރަމުން ގެންދާ މާލޭ ދެކުނު ފަރާތު ފަޅު ބޭނުން ކުރުމުގެ ހުއްދަ ދޫކުރުން ހައުސިން މިނިސްޓްރީއިން ހުއްޓާލާފިއެވެ.

ހައުސިންގ މިނިސްޓްރީ އިން މިއަދު ގެޒެޓް ކޮށްފައިވާ އިއުލާންގައި ވަނީ މާލޭ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހަދަންފެށިފައި ވުމާއެކު އެސަރަހައްދު ފަޅުތެރެއަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅިގެން ދެކުނުފަރާތު ވިލާކޮލެޖުގެ ހުޅަނގު ކަނުން ފެށިގެން އިރަށްގޮސް ޓޯވްޔާޑާއި ހަމައަށް، މުދާއުފުލާ އުޅަނދުފަހަރަށް ދޫކުރަމުން ގެންދިޔަ ފަޅުހުއްދަ މިއަދުންފެށިގެން ދޫނުކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.

އަދި މިހާރު ހުއްދަ ދެވޮފައިވާ އުޅަނދުފަހަރު ވެސް 8 އޭޕްރީލްގެ ފަހުން އެ ސަރަހައްދުގެ ފަޅު ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށާއި އެ އެންގުމާ ޚިލާފަށް އެސަރަހަށްދަށް ވައްދާ އުޅަނދުތަށް ނަގަމުން ގެންދާނެކަމަށް އެ މިނިސްޓްރީގެ އިއުލާންގައި ވެއެވެ.

މާލޭ ހުޅުމާލެ ބްރިޖް ނިންމުމަކާއި ގާތަށް ދިޔުމާއެކު ހައުސިން މިނިސްޓްރީއިން މާލޭ ބޮޑުތަކުރުފާން މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ އިރު މަގު ފުޅާ ކުރުމަށް ކުރިން ގާޑިޔާތަށް ޖަހާފައިވާ ހިސާބާއެއްކޮށް ހުރި ގައު ތަކާއި އިންދާފައި ހުރި ގިނަ ގަސްތަށް މިހާރު ވަނީ ނަގާފައެވެ.

ބޮޑުތަކުރުފާނު މަގުގެ އުތުރާއި ދެކުނުންވެސް އެމަގު ފުޅާކޮށް ރަނގަޅު ފެންވަރަކަށް މަގު ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު