ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ތޫފާނަކަށް ބަދަލު ވެދާނެ ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާ އިން ހާމަކޮށްފިއެވެ.

މި ކޮޅިގަނޑު އިތުރަށް ބާރުގަދަވަމުންދާއިރު، މިހާރު ދަތުރު ކުރަމުންދަނީ ރާއްޖެ އާއި ދުރަށެވެ.

މި ސަރަހައްދުގެ މޫސުމާއި ބެހޭ ބޮޑެތި ކަންތައްތައް ބަލަހައްޓަމުން ގެންދާ ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮކިލް ސެންޓަރ (އާރުއެސްއެމްސީ) ބުނެފައިވާގޮތުގައި، ރާއްޖެ ސަރަހައްދުގައި އުފެދިފައި މިވާ ކޮޅިގަނޑު މިއަދު މެންދުރު 12:00 ހާއިރު ޑިޕްރެޝަނަކަށް ވަނީ ބަދަލުވެފައެވެ. އަދި މިރޭ 11:30 ހާއިރު ޑީޕް ޑިޕްރެޝަނަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ.

އާރްއެސްއެމްސީ އިން ބުނެފައިވާގޮތުގައި، މާދަމާ މެންދުރު 12:00 ހާއިރު މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ. އަދި އަންނަ ހުކުރު ދުވަހު މި ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވެދާނެއެވެ.

މި ކޮޅިގަނޑު މިހާރު ރާއްޖެއާއި ދުރަށް ޖެހެމުން އަންނައިރު، މި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ކޮށްފާނެ ކަމަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ސުބުޙާނަﷲ، ހުރިބިރު ވެރިކަމެއްގެ ބޮޑުކަމާއެ.

    42
  2. ....

    ބިރުވެތިވޭ... ﷲ ގެ ކޯފާ އައްނާނީ އެކި ގޮތްގޮތައް... އެންމެ މީހަކު ކުރާ ނުބައި ކަމެއްގެ ސަބަބުން އެންމެނަށް އައްނާނީ...

    35
    1