މައި ކޮލެޖުގެ ފަރާތުން 2020 ވަނަ އަހަރުގެ އިންޓޭކް އަށް ވަރަށް ޚާއްސަ ސްކޮލާޝިޕް ފުރުސަތުތަކެއް ހުޅުވާލާފިއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ އެކި އެކި ކުޅިވަރުތަކުގައި ޤައުމީ ޓީމަށް ކުޅޭ ކުޅުންތެރިންނަށް ހުޅުވާލާފައިވާ ރަނުގެ ފުރުސަތެވެ. ޤައުމީ ޓީމުތަކުގެ ކުޅުންތެރިން ބޭނުން ދާއިރާ އަކުން، ބޭނުންވާ ހިސާބަކަށް، އެއްވެސް ހިފެހެއްޓުމެއް ނެތް ގޮތުގައި ކިޔެވޭނެ 15 ފުރުސަތެއް މައި ކޮލެޖްގެ ފަރާތުން މިއަދު ވަނީ ހުޅުވާލާފައެވެ.

މައި ކޮލެޖުގެ ފަރާތުން މިއަންނަ އަހަރަށް ހުޅުވާލި ސްކޮލާޝިޕްގެ ފުރުސަތުތައް އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، އަދި މިހާރު މާލޭ ސިޓީ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރ، އަހްމަދު ނިޔާޒު އެވެ. އެ ރަސްމިއްޔާތުގައި މައި ކޮލެޖުގެ ރެކްޓަރ ލަމްޔާ އަބްދުލް ހާދީ ގެ އިތުރުން ވައިސް ރެކްޓަރ، ވަޖީހް ނަސީރު ވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން، މައި ކޮލެޖުގެ ރެކްޓަރ، ލަމްޔާ އަބްދުލްހާދީ ވަނީ މައި ކޮލެޖުގެ 2020 ޖެނުއަރީ އިންޓޭކް ސްކޮލާޝިޕް ފުރުސަތުތަކުގެ އިތުރު ތަފްސީލްތައް ވިދާޅުވެ ދެއްވާފައެވެ. އެގޮތުން މައިކޮލެޖުގެ ފަރާތުން 25 އިންސައްތަ އިން ފެށިގެން 100 އިންސައްތަ އާ ހަމަޔަށް ދަރިވަރުންގެ ކިޔެވުމުގެ ޚަރަދުތައް ކަވަރު ކުރާ ގޮތަށް ޖުމްލަ 315 ސްކޮލާޝިޕް ފުރުސަތެއް މި ފަހަރު ވަނީ ހުޅުވާލާފައެވެ.

މައި ކޮލެޖްގެ ރެކްޓަރ، ލަމްޔާ ވިދާޅުވިގޮތުގައި 315 ސްކޮލާޝިޕްގެ ތެރެއިން 150 ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމްކޮށްފައި ހުރި އެ ކޮލެޖުގެ ކެމްޕަސް ތަކުގައި ކިޔަވާ ދަރިވަރުންނަށެވެ. 100 ސްކޮލާޝިޕް ފުރުސަތު މާލޭ ކެމްޕަސްގެ ދަރިވަރުންނަށް ހުޅުވާލާފައިވާއިރު، 50 ސްކޮލާޝިޕް ފުރުސަތު ހުޅުމާލޭ ކެމްޕަސްގެ ދަރިވަރުންނަށް ހުޅުވާލާފައިވެއެވެ. އަދި އެންމެ ޚާއްސަ ޤައުމީ ފެންވަރުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް މައި ކޮލެޖުން 100 އިންސައްތަ ސްޕޮންސަރ ކުރައްވާ 15 ފުރުސަތު ވަނީ ހިމެނިފައެވެ.

މި ހުރިހާ ފުރުސަތުތަކަށްވެސް އެންމެ ފުރަތަމަ ކުރިމަތިލައްވާ ފަރާތްތަކަށް އެންމެ އަވަހަށް ޖާގަ ލިބިގެންދާނެ ކަމަށް މައި ކޮލެޖުން މަޢުލޫމާތު ދެއްވިއެވެ. ސެޓްފިކެޓް ލެވެލް 3 އަކުން ފެށިގެން، މާސްޓާސް ޑިގްރީ އާއި ހަމަޔަށް ކިޔެވުމުގެ ފުރުސަތު، މި ސްކޮލާޝިޕްތަކުގެ ތެރެއިން ދަރިވަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

"ވަރަށް ގިނަ ދަރިވަރުން މާލީ ދަތިތަކާއި އަދި އެހެނިހެން ސަބަބުތަކާ ހެދި، ބޭނުންވާ ހިސާބަށް ނުކިޔެވި އެބަތިބި، އަޅުގަނޑުމެންގެ ކޮލެޖުގެ ވަރަށް ބޮޑު ބޭނުމެއް ދަރިވަރުންގެ އަތްފޯރާ ހިސާބަށް މަތީ ތަޢުލީމުގެ ފުރުސަތު ގެންދިޔުމަކީ." މައި ކޮލެޖްގެ ރެކްޓަރ ލަމްޔާ ވިދާޅުވިއެވެ.

ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނު، އަހްމަދު ނިޔާޒު ދެއްކެވި ވާހަކަފުޅުގައި ކުޅިވަރަކީ ހަގީގަތުގައިވެސް ތަޢުލީމާއި ގުޅިލާމެހިފައި އޮންނަ ކަމެއް ކަމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެކަޑެމީތައްވެސް ހިންގަމުންދަނީ އެކަހަލަ މޮޑަލަކަށް ކަން ފާހަގަކުރެއްވިއެވެ. އަދި މައިކޮލެޖުން އިސްނަންގަވައިގެން ޚާއްސަކޮށް ކުޅިވަރު ކުޅޭ ފަރާތްތަކަށް މި ހޯދައިދެއްވި ފުރުސަތަށްޓަކައި އެ ކޮލެޖުގެ އިސްވެރިންނަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

"އަޅުގަނޑު މީގެ ކުރިން އަޑެއް ނާހަން ޑިގްރީއާ ހަމަޔަށް ޤައުމީ ކުޅުންތެރިންނަށް ކިޔެވޭނެ ފުރުސަތެއް ރާއްޖޭގައި އޮންނަ ކަމެއް. އެހެންވީމަ، މި ކޮލެޖުގެ އިސްވެރިންނަށް އަޅުގަނޑު ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން މިކަހަލަ ފުރުސަތުތަކެއް ހުޅުވާދެއްވީތީ. އަޅުގަނޑު ދެކޭގޮތުގައި މިއީ ޤައުމީ ފެންވަރުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު އުއްމީދެއް، ފުރުސަތެއް." ނިޔާޒު ވިދާޅުވިއެވެ.

މިއަންޒް އިންޓަރނޭޝަނަލް ކޮލެޖު، އާއްމު ނަމުން ނަމަ، މައި ކޮލެޖަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ވަރަށް ގިނަ ހަރުފަތްތަކެއް ހުރަސްކޮށްފައި މިހާރު ރާއްޖޭގެ ތަޢުލީމީ ދާއިރާގައި އެންމެ އުހުގައި އުޅޭ އެއް ކޮލެޖެވެ. އެންމެ ފުރަތަމަ 'އިންޓަރނޭޝަލް ސެންޓަރ ފޮރ ކެރިއަރ ޑިވެލޮޕްމެންޓް' ގެ ނަމުގައި 2006 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ހުޅުވުނު މުއައްސަސާ، ކިޔަވައިދިނުމުގެ އެތައް މަރުޙަލާއެއް ކަޑައްތުކުރުމަށްފަހު، ކޮލެޖެއްގެ ދަރަޖައަށް ބަދަލްވެފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. މިއަދު، މައި ކޮލެޖުގެ 19 ބްރާންޗެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަރިވަރުން މަތީ ތަޢުލީމަށް ކިޔަވަމުން އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިދަ ދަނޑި

    ފުދުން ތެރިކަން ނެތް ފަރާތްތަކަށް ފުރުސަތު ދީބަލަ.. ކިޔަވަން ބޭނުން ނުވާތީ އެތިބެނީ ކުޅެންގޮސް

    4
    1
  2. ޙަސަން

    މައިކޮލެޖުން ދޭ ތަޢުލީމީމަށް ޝުކުރުދަންނަވަމެވެ. އެކަމަކު ނުކަމެތިން ފެލައިގެން ބޮޑު އަގުގައި ކިޔަވައިދޭއިރު ތަނަވަސް ކަންހުރި ކުޅުންތެރިންނަށް ހިލޭ ކިޔަވައިދިނުމަކީ އަރަތެކެވެ. ކޯސްތަކުގައި ބަރާބަރަށް ފީ ނުދެއްކޭ ނިކަމެތި ކުދިންވސް އެބަތިއްބެވެ. އެކުދިންގެ ފީން ކޮންމެވެސް މިންވަރެއް ކަނޑާލަ ދިނިއްޔާ މާރަނގަޅުވާނެނޫންތޯއެވެ.

    • އަޙްމަދު

      މިހާރުވެސް ކޮންމެ ދަރިވަރަކަށް %25 ގެ ޑިސްކައުންޓެއް ދޭ ނޫންތަ؟ އަދި ކަނޑު ދަތުރު ކޮއްފަ ކިޔަވާ މަރުކަޒައް ދާންޖެހޭ ކޮންމެ ކުއްޖަކަށް 200.00 ރުފިޔާގެ ޑިސްކައުންޓެއް ވެސް ދޭކަމަކަށް ވަނީ