ރާއްޖޭގެ 16 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދާދި ދެންމެއަކު ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށެވެ.

މި ސަމާލު ދިގުލައިގެން ދާނީ މިރޭ 22:00ން ފެށިގެން މިރޭ ދަންވަރު 03:00 އާއި ހަމައަށް ކަމަށް މެޓު އޮފީހުން ވަނީ ވިދާޅުވެފައެވެ.

މި ވަގުތުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުމުގެ އިތުރުން ގަޑިއަކު 50 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާ ކޮށްފައެވެ.

މެޓު އޮފީހުން ރީނދޫ ސަމާލު ނެރެފައި ވާއިރު، އެފަރާތުން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ކޮންމެހެން ކުރަން ޖެހިގެން މެނުވީ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގެ މޫސުން މިހައި ގޯސްވެފައި މިވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުން ގެންދާ ދަނޑިވަޅެއްގައި ރާއްޖެ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، އޭގެ އަސަރު ރާއްޖެ އަށް ކުރާނެތީއެވެ.

ތޫފާނު "މަހާ" ލަކްޝްވަދީބު މަތީގައި އިތުރަށް ބާރުގަދަ ވެގެން ދާއިިރު ކުރިއަށް އޮތް 3 ވަރަކަށް ދުވަސް ތެރޭގައި މި ތޫފާނު މި ސަރަހައްދާއި ދުރަށް ދާނޭ ކަމަށް މެޓު އޮފީހުން މައުލޫމާތު ދެއްވައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން "ވަގުތު" އަށް ވިދާޅުވީ ތޫފާނުގެ ސީދާ އަސަރު ނުކުރި ނަމަވެސް، ރާއްޖެ އަށް ތޫފާނުގެ އަސަރު ކުރާނޭ ކަމަށެވެ.

"ކޮންމެ ސައިކްލޯނެއްގެވެސް ސީދާ އަސަރު އެ ކުރަނީ ސެންޓާ ތަނެއްގައި އޮންނަންޔާ. މިހާރު ރާއްޖެ އާއި ސެންޓާ ދިމައެއް ނުވާނެ. އެއީ މި ތޫފާނު މި އޮތީ ލަކްޝްވަދީބު މަތީގައި. އެ ސަރަހައްދުގެ މަތީގައި އޮވެގެން މި ތޫފާނު ބާރުގަދަ މި ވަނީ. މީގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގައި އެބަ އުފެދޭ ވިލާތަކެއް. މި ވިލާތަކުން ރާއްޖެ އަށް އަސަރު ކުރާނީ" މެޓުގެ އޮފިޝަލް ވިދާޅުވިއެވެ.